ރޭ އދ. ދަނގެތީގައި ތަރާވީހް ނަމާދު ކުރިއަށް ދަނިކޮށް، އެ ރަށު މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑު ފޮށްޓެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ރޭ 9:15 ހާއިރު އެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި، މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ވަގަށް ނަގާފައި ވަނީ އެރަށު ޖަމިއްޔާތަކާއި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ގުޅިގެން ފަގީރުންނަށް ސަދަގާތް ކުރުމަށް ބަހައްޓާފައި ހުރި ފަންޑު ފޮށްޓެކެވެ.

ފަންޑު ފޮށި ނެތްކަން އެނގުނީ، ތަރާވީހް ނަމާދުން މީހުން ފޭބި އިރު އެވެ. ރަށުގެ ރައްޔިތުން ކުރި މަސައްކަތުން ފަންޑު ފޮށި ފެނުނީ ފަޅު ގެއެއްގެ ކައިރީގައި އެއްލާލާފައި އޮއްވަ އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ފަންޑު ފޮށި ވަގަށް ނެގި އިރު އޭގައި 6000 އެއްހާ ރުފިޔާ ހުންނާނެ ކަމަށާއި ނަމަވެސް ފޮށި ފެނުނު އިރު އޭގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.