27 Apr 2021, 10:13
އަލަށް އަމަލުކުރަން ފެށި، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނާ "އިސްތިއުނާފު ކޮމިޓީ" އެކުލަވާލައި އެ ކޮމިޓީއަށް ފަސް މެމްބަރުން އިއްޔެ އައްޔަންކޮށްފި އެވެ.
ގާނޫނުގައި ބުނެފައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ޕޮލިސް ބޯޑުގެ އިރުޝާދުގެ މަތިން، ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އާންމު ރައްޔިތުންގެ ތެރެއިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިސްތިއުނާފު ކޮމިޓީއެއް ވަޒީރު އެކުލަވާލަންވާނެ ކަމަށެވެ.
އެގޮތުން ހޯމް މިނިސްޓަރި އިމްރާން އަބްދުﷲ އިއްޔެ ވަނީ ފަސް މެމްބަރުންގެ އިސްތިއުނާފު ކޮމިޓީ އެކުލަވާލައްވައިފަ އެވެ. އެ ބޯޑަށް އައްޔަންކޮށްފައިވާ ފަސް މެމްބަރުންނަކީ:
1. ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރޓ)މުހައްމަދު ސޯދިގު (ދަފްތަރު ނަންބަރު 6613/މާލެ)
2. އަޒްމީން ރަޝީދު (ބަނބޭލީވިލާ/ ގދ. ރަތަފަންދޫ)
3. ފާތިމަތު ލީނާ (މ. ސަލްޖަމްގެ)
4. މިންނާ ނާފިޒް (މ. ލިލީސް)
5. އަހްމަދު ޝިހާދު (ބްލެސް / ހއ. ހޯރަފުށި)
ގާނޫނު ބުނާގޮތުން، އިސްތިއުނާފު ކޮމިޓީގެ މެންބަރުންނަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެ އެވެ.
އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް އެ ކޮމިޓީން ބަލައި ގޮތެއް ނިންމުމުގައި އަމަލުކުރަންވާނީ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެ ބޯޑުން އަމަލުކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގެ ހައްގު އެ މައްސަލައެއް ރައްދުވި ފަރާތަށާއި، މައްސަލައިގެ ސަބަބުން ސީދާގޮތުން އަސަރު ފޯރައިފާނެ ކޮންމެ މީހަކަށާއި ކޮމިޝަނާ އޮފް ޕޮލިސްއަށް ލިބިގެންވެ އެވެ.