26 Apr 2021, 22:26
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 328 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 28،000 އިން މައްޗަށް އަރާފަ އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 167 މީހުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުން 127 މީހުންނެވެ. އަދި ސިނާއީ މަސައްކަތް ކުރާ ރަށްރަށުން 24 މީހުން ޕޮޒިޓިވެފައިވާއިރު ރިސޯޓުތަކުން 10 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
ޖުމްލަ 328 މީހަކު ޕޮޒިޓިވެފައި ވަނީ ވޭތުވެ ދިޔަ 24 ގަޑިއިރު ނެގި 3252 ސާމްޕަލްގެ ތެރެއިންނެވެ. އޭގެތެރެއިން މާލެއިން ނެގީ ކިތައް ސާމްޕަލް ކަމެއް ރަށްރަށުން ނެގީ ކިތައް ސާމްޕަލް ކަމެއް ސާފެއް ނުވެ އެވެ.
މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުދެމުންދާ މީހުންގެ އަދަދު އުޅެނީ 126 ގަ އެވެ. އަދި މިވަގުތު ކޮވިޑު ޖެހި ރަނގަޅު ނުވާ މީހުންގެ އަދަދު އުޅެނީ 3701 ގަ އެވެ.