26 Apr 2021, 21:59
ފ. ނިލަންދޫގައި މަސް ހިފަން ފޭބި ދެމީހަކު ހާލު ސީރިއަސް ވެގެން މާލެ ގެނެސްފި އެވެ.
ނިލަންދޫ ކައުންސިލުގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު 'ސަން' އަށް ވިދާޅުވީ މަހަށް ނުކުމެ އުޅުނު މީހުންނަކީ ދަނގަޅު ޖަހައިގެންނާއި މަސް ހިފާ ބަޑި ބޭނުންކޮށްގެން މަސް ހިފަން އާންމުކޮށް ދާ ބައެއް ކަމަށެވެ. މަސް ހިފަން ދިޔަ މީހުންގެ ތެރެއިން އެކަކު އެޑިއަށް ގޮސް އޮއްވައި ހޭނެތި އޭނާ މައްޗަށް ނޭރުމުން އެހެން މީހުން އޭނާ ސަލާމަތް ކުރުމަށް ފޭބި ކަމަށް އަބްދުއްލަތީފު ވިދާޅުވި އެވެ.
"ފްރީ ޑައިވްކުރާއިރު ދާންޖެހޭ ވަރަށްވުރެއް އަޑިއަށް ގޮސް ދެން އޭގެ އެއް ކުއްޖަކު ހޭނެތުނީ އަޑީގައި އޮއްވައި. ދެން ދެވަނަ ކުއްޖާ މިދިޔައީ އޭނާ ނަގަން. އޭނާ ފުދޭވަރަކަށް އަޑީގައި އިނީ އިންދައި ދެވަނަ ކުއްޖާ އޭނާ ނަގަން ގޮސް އޭނާ އަކަށް ނުއެއް ނެގުން. އޭނަގެ ނޭފަތާއި ކަންފަތާއި ތަންތަން ފަޅަފަޅައިގެން ލޭ އަންނަން ފެށީމަ އޭނާ އެރީ މައްޗަށް،" އަބްދުއްލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެން އަނެއްކާވެސް އެހެން ކުއްޖަކު އަޑިއަށްގޮސް ހޭނެތިފައި އަޑީގައި އޮތް ކުއްޖާ ގައިގައި ވާ ޖަހާފައި މައްޗަށް އެރުނީ ކިރިޔާ ކަމަށެވެ.
ކަނޑުމަތީ ތިބެފައި އެމީހުން ގުޅީ އަބްދުއްލަތީފަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ލޯންޗެއްގައި ގޮސް އެމީހުން ނިލަންދޫ ހޮސްޕިޓަލަށް ގެންދިޔައީ އޭނާ އެވެ.
"މުޅި ހޮސްޕިޓަލް ޓީމު އެއްކޮށް ވަރަށް މަސައްކަތް ކުރި. ކުރުމަށް ފަހު އެމީހުން ނިންމީ މާލެ ފޮނުވަން،" އަބްދުއްލަތީފު ވިދާޅުވި އެވެ.
އެމީހުން މާލެ ގެނެސް ގެންދިޔައީ އައިޖީއެމްއެޗަށެވެ. އަބްދުއްލަތީފު ވިދާޅުވީ މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.