26 Apr 2021, 12:51
ދީނުން ފިލާވަޅެއްގެ ކޮންމެ އެޕިސޯޑެއްގައިވެސް މި ބަލާލެވެނީ ރަސޫލުންނާއި ނަބިއްޔުންގެ ހަޔާތްޕުޅުން ފާހަގަވާ މުހިންމު ހާދިސާތަކާއި އެއިން މިއަދުގެ މުޖްތަމައަށް ދޫކުރާ މުހިންމު ފިލާވަޅުތަކެވެ. މިހާތަނަށް ތަފާތު އެތަށް ޝައުގުވެރި ވާހަކަތަކެއް ހިމަނާލެވިފައިވާއިރު މިއަދުގެ އެޕިސޯޑުގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ކިޔައިދެއްވަނީ ޝުއައިބްގެފާނުންގެ ގައުމުގެ މީހުންގެ ވާހަކައެކެވެ.
މާތްﷲ މި ބިން މައްޗަށް ފޮނުއްވަވާ ރަސޫލުންނާއި ނަބިއްޔުންނަށް އެކިއެކި ހުނަރުތަކާއި ތަފާތި މުއުޖިޒާތްތައް ދެއްވައެވެ. މިގޮތުން ޝުއައިބްގެފާނުގެ ގައުމުގެ މީހުންނަކީ ވިޔަފާރީގައި ވަރަށް ކުރިއަރާފައިވާ ބައެކެވެ. އަދި ކުރިއެރުމާއި އެކު ވިޔަފާރީގައި އެމީހުން އެތަކެއް ނާޖާއިޒް ފައިދާތަކެއްވެސް ނަގަމުން ދިޔައެވެ.
ޝުއައިބްގެފާނު އެކަލޭގެފާނުގެ ގައުމުގެ މީސްތަކުންނަށް އެންމެ ފުރަތަމަ އިސްލާމްދީނަށް ދައުވަތު ދެއްވުމުންވެސް އެމީހުންގެ އެދުމަކަށްވީ އެމީހުންގެ ވިޔަފާރިއާއި ފައިސާވެރިކަމާއި މުދާވެރިކަމާއި އެއްވެސް ވަރަކަށް ބަސް ނުބުނެ ބެހިވަޑައި ނުގަތުމެވެ. އެމީހުން ގަބޫލުކުރީ އެ މުދަލަކީ އެމީހުންގެ މިލްކެއް ކަމާއި އެ މުދާ ހޭދަކުރުމުގެ ފުރިހަމަ އިޚްތިޔާރުވެސް ލިބިގެންވަނީ އެމީހުންނަށް ކަމަށެވެ.

އެހެންނަމަވެސް ހަގީގަތަކީ މި ދުނިޔެމަތީގައި އިންސާނުންނަށް މި ލިބޭ ފައިސާ އާއި މުދަލުގެވެސް ހަގީގީ މިލްކުވެރިއަކީ މާތް ﷲ ކަމެވެ. މިއީ ހަމައެކަނި މާތް އެމީހަކަށް ދެއްވާފައިވާ ވަގުތީ އަމާނާތެކެވެ. އެކަލާންގެ ހަޒްރަތުން ލިބިގެންވީ ނިއުމަތެކެވެ.
އަދި އެ މުދާތަކާއި ފައިސާ ހޭދަކުރުން ކަނޑައަޅާފައި އޮންނަނީވެސް ވަކި ހައްދުތަކެއްގެ ތެރެއިން ނުވަތަ ވަކި ތަރަހައެއްގެ ތެރެއިންނެވެ.
" އަހަރެމެން އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ ޝުއައިބްގެފާނުގެ ގައުމުގެ މީހުން ފަދައިން، މިއީ އަހަރެމެންގެ އެއްޗެކޭ . އަހަރެމެން ބޭނުން ގޮތަކަށް ހެދޭނެއޭ. ބައެއްފަހަރު އަޑުއިވޭނެ މިއީ އަހަރެންގެ ޖިސްމޭ. މި ޖިސްމަށް އަހަރެން ބޭނުން ގޮތެއް ހެދުމުގެ އިޚްތިޔާރު އޮންނާނޭ. މިއީ އަހަރެންގެ ފައިސާ އޭ. އެއްގޮތަކަށްވެސް މިއީ އެހެން އޮންނަކަމެއް ނޫން. މި ހުރިހާ އެއްޗެއްގެވެސް ހަގީގީ މިލްކުވެރިއަކީ މާތް ﷲ. " ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.