ދިރާގުން މ. ކޮޅުފުށީގައި ގާއިމްކޮށްފައިވާ އެކުންފުނީގެ ސްޓޭޝަނަށް ގެއްލުންވެ ދިރާގުން ދެކުނުގެ އަތޮޅުތަކަށްދޭ ފޯނުގެ ހިދުމަތްތަކަށް ބުރު އަރައި ގުޅުމުގައި މައްސަލަތައް ދިމާވަމުން އެބަދެ އެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރު އެގްޒެކެޓިވް އިބްރާހިމް އިމްޖާދު ޖަލީލް މިއަދު ވިދާޅުވީ މ. ކޮޅުފުއްޓަށް ލިބިފައިވާ ގެއްލުމަކީ ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދިމާވި ގުދުރަތީ މައްސަލައެއް ކަމަށާއި އެކަން މިހާރު ހައްލުކުރުމަށް މާލެ އިން ދިރާގުގެ އިންޖިނިއަރުންގެ ޓީމެއް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.

"ލަފާ ކުރެވެނީ މިހާރު ކުރާ ވިއްސާރައިގައި ހޮނުއެޅުމުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށް. އެކަމުގެ ސަބަބުން ކޮޅުފުށިން ފަށައިގެން ދެކުނުގެ ހުރިހާ އަތޮޅަކުގައި މައްސަލަތައް އެބައުޅޭ. އެކަން ހައްލުކުރުމަށް މިހާރު ދިރާގުގެ ޓީމެއް އެކޮޅުގަ ހަރަކާތްތެރިވަމުން އެބަދޭ،" އިމްޖާދް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މ. ކޮޅުފުއްޓަށް ދިމާވި މައްސަލަ ދިރާގު ހެޑް އޮފީހަށް އެނގުނީ މިއަދު ހެނދުނު ކަމަށާއި ކޮޅުފުށީ ސްޓޭޝަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފުނުވާ ކަމަށެވެ.

ދިރާގުގެ ސްޓޭޝަނަކަށް ގެއްލުންވެ މޯބައިލް ހިދުމަތްތަކަށް ބުރޫ އެރި އިރު އިއްޔެ އެމްޑީޕީން ކުރި މުޒާހަރާގައި އަތޮޅުތެރޭގައި ވެސް އާންމުން ވަނީ ބައެއް ތަންތަނަށް ގެއްލުންދީ ރޯކޮށް ހަދާފަ އެވެ.