މިއަދު އެކަނި 253 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، މާލެއިން ޕޮޒިޓިވްވި 147 މީހަކާއި، މީހުން ދިރިއުޅޭ އެހެން ރަށްރަށުން ޕޮޒިޓިވްވި 35 މީހަކާއި، ރިޒޯޓުތަކުން ޕޮޒިޓިވްވި 31 މީހުންނާއި، އިންޑަސްޓްރިއަލް ރަށްރަށުން ޕޮޒިޓިވްވި 40 މީހުންނެވެ.

މިއީ އިއްޔެއާ އަޅާބަލާއިރު، ގިނަ އަދަދެކެވެ. އިއްޔެ ޕޮޒިޓިވްވީ 218 މީހުންނެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގެ، 135 ކޭސް ހިމެނެ އެވެ. އޭގެ ކުރީ ދުވަހު 319 މީހުން ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި އަތޮޅު ތެރޭގެ 182 ކޭސް ހިމެނެ އެވެ.

މިއަދުގެ ޕޮޒިޓިވް ކޭސްތަކާއެކު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 27،874އަށް އަރާފަ އެވެ.

ބަލިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 24،309އަށް އަރާފަ އެވެ. ފާއިތުވި 24 ގަޑިއިރު ބަލިން ރަނގަޅުވީ 75 މީހުންނެވެ.

އަދި މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 3485އަށް އަރާފަ އެވެ. އޭގެ ތެރެއިން 123 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުތަކުގަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 71 އެވެ.