25 Apr 2021, 14:20
ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުންދާ އިންޑިއާގެ ރައްޔިތުންގެ "ކަރަންޓީން މަރުކަޒަށް" ރާއްޖެވުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާގައި ދުވާލެއްގެ މައްޗަށް 300،000އަށްވުރެ ގިނަ މީހުން ކޮވިޑަށް ދަނީ ޕޮޒިޓިވްވަމުންނެެވެ. ބަލި ހަލުވިކަމާއެކު އެގައުމުގައި ފެތުރެމުންދާއިރު، ގިނަ އަދަދެއްގެ އިންޑިއާގެ ރައްޔިތުން މެދު އިރުމަތީ ގައުމަތަކަށް ދިޔުމަށްތަކައި ރާއްޖެ ދަނީ އަންނަމުންނެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަން ހިނގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކަށް އަރާ ފޭބުން މަނާކޮށް، ރަށްތަކުގައި މިހާރު ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައިވަނީ، އިންޑިއާ ރައްޔިތުންގެ "ކަރަންޓީން މަރުކަޒަށް" ރާއްޖެ ހެދުމުގެ ސަބަބުން ކަމަށެވެ. އަދި އިދިކޮޅުގެ މިވަގުތު އެންމެ ބޮޑު ކަންބޮޑުވުމަކީ އެެއީ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ އިންޑީއާގެ ރައްޔިތުން އެހެން ގައުމުތަކަށް މަސައްކަތް ކުރުމަށް ދިޔުމަށް ކަރަންޓީން މަރުކަޒަކަށް ރާއްޖެ މިހާރު މިވަނީ ހަދާފައި. ދިވެހި ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް މި ވައްޓާލަނީ، ބައެއްގެ ލާބައާއި މަންފާއަަށްޓަކައި،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުންނަށްވުރެ މި ސަރުކާރުން އިސްކަންދެމުންދަނީ، އެހެން ގައުމުތަކުގެ ރައްޔިތުންނަކަށް އެކަންތަކުންވެސް ހާމަވާ ކަމަށެވެ.
"މިއީ ބިރުވެރި ނުރައްކާތެރި ކަމެއް. [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން މިއުޅެނީ ކޮން ގައުމެއްގެ ރައްޔިތުންނަށްތޯ،" އަދުރޭ ސުވާލު އުފެއްދެވި އެވެ.
އަދުރޭ ނިސްބަތްވާ ލ. ފޮނަދޫވެސް މިވަގުތު އޮތީ އަރާފޭބުން މަނާކޮށްފައެވެ. އަދުރޭ ވިދާޅުވީ، އެރަށްވެސް ބަލިމަޑުކަމެއްގެ ތެރެއަށް ގޮސްފައިވަނީ، އެކަމުގެ ސަބަބަބުން ކަމަށެވެ.
އިމިގްރޭޝަނުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި ވިސާގައި އަންނަ މަސައްކަތްތެރިން ކަރަންޓީން ވާން ޖެހޭ ގޮތަށް ނިންމި އެވެ. ނަމަވެސް ފަތުރުވެރިން އަދިވެސް ކަރަންޓީނާ ނުލާ ރާއްޖެ އަދެވޭ ގޮތަށް އޮތީ ހަދާފައެވެ.
އަތޮޅު ތެރޭ ގިނަ ކޭސްތަކެއް އުޅޭއިރު، މިއަދުން ފެށިގެން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގެ ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ތިބުން މިވަގުތަށް ވަނީ މަނާކޮށްފަ އެވެ.