25 Apr 2021, 13:20
އިންޑިއާގައި ވަރަށް ބާރަށް ކޮވިޑު ފެތުރި ހާލަތު ގޯސްވެފައި ވާތީ އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގެ ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ތިބުން މިވަގުތަށް މަނާކޮށް އެކަން އާންމުކޮށް އިއުލާންކޮށްފި އެވެ.
މީގެ އިތުރުން އިންޑިއާއިން އަންނަ ފަތުރުވެރިންނާއި އެ ނޫން މީހުން ވެސް ރާއްޖެ އެތެރެ ވެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުގައި ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އެޗްޕީއޭ އިން މިއަދު އާންމު ކުރި އުސޫލުގައި ބުނީ އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން އަދި 24 ގަޑިއިރަށްވުރެ ގިނަ އިރު އެ ގައުމުގައި ޓްރާންސިޓުކޮށްފައިވާ މީހުން ހިމެނޭހެން ރާއްޖޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ޗެކްއިން ވުން ހުއްޓާލަން އަންގާ ކަމަށެވެ.
ނަމަވެސް ރިސޯޓުތަކާއި މީހުން ދިރިއުޅޭ ތަންތަނާ ވަކިން ހުންނަ ސިޓީހޮޓާތައް މީގެ ތެރޭ ނުހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އެޗްޕީއޭ އިން ބުނީ މިހާރު އެފަދަ ތަންތަނުގައި ޗެކްއިން ވެފައި ތިބި މީހުން ބުކިން ހައްދާފައިވާ މުއްދަތުގައި އެ ތަންތަނުގައި ތިބެވޭނެ ކަމަށެވެ.
އިންޑިއާ ޓޫރިސްޓުން ގެސްޓްހައުސް، ހޮޓާތަކަށް ގެނައުން ހުއްޓާލާން އަންގާފައިވަނީ އެ ގައުމުގައު ބާރަށް ކޮވިޑު ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ. މި ދަނޑިވަަޅުގައި އިންޑިއާގެ ފަތުރުވެރިން ގެނައުން ހުއްޓާލަންވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެެރިން އަންނަ ގައުމަކީ އިންޑިއާ އަށްވާއިރު އެ ގައުމުގައި ބަލި ފެތުރޭ މިންވަރު އިތުރުވާން ފެށިފަހުން ޓޫރިސްޓުންގެ އަދަދު ވަނީ މަޑުމަޑުން ދަށްވާން ފަށައިފަ އެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް 800 އަށްވުރެ ގިނަ ޓޫރިސްޓުން އިންޑިއާ އިން އަންނައިރު އެ އަދަދު މިހާރު އުޅެނީ 600 އިން ދަށުގަ އެވެ. ދުވާލެއްގެ މައްޗަށް މީގެ ކުރިން އެވްރެޖުކޮށް 3500 އަށް ވުރެ ގިނަ ފަތުރުވެެރިން އައި ނަމަވެސް އެ އަދަދުވެސް ވަނީ ގާތްގަނޑަކަށް 3000 އަށް މަދުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ 22 ޕަސެންޓަކީ އިންޑިއާ ފަތުރުވެރިންނެވެ.
އެޗްޕީއޭ އިން މިއަދު އާންމު ކުރި އުސޫލުގައިވާގޮތުން ކޮވިޑު ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ތިބޭ މީހުން ހިމެނޭހެން އިންޑިއާ އިން ރާއްޖެ އަންނަ މީހުންނާއި އެ ގައުމުގައި 24 ގަޑިއިރަށް ވުރެ ގިނަ އިރު ޓްރާންސިޓު ކޮށްފައި ތިބޭ މީހުން ރާއްޖެ އަންނައިރު 96 ގަޑިއިރުގެ ޕީސީއާރު ނެގެޓިން ނަތީޖާ ގެންނަން ޖެހޭނެ އެވެ.
ވެކްސިން ފުރިހަމަކޮށްފައި ތިބޭ މީހުން ހިމެނޭހެން އިންޑިއާ އިން ރާއްޖެ އަންނަ މީހުން، ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ހިމެނޭގޮތަށް ރާއްގެ އަންނަތާ 24 ގަޑިއިރު ތެރޭ ޕީސީއާރު ޓެސްޓު ހަދަން ވާނެ އަދި 10 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް އުސޫލު ބުންޏެވެ.
އެ ފަރާތްތައް ކަރަންޓީނުން ދޫކުރާނީ ކަރަންޓީނު މުއްދަތު ހަމަކޮށް، ޕީސީއާރު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށްވެސް ބުންޏެވެ.