09 Feb 2012, 12:36
އިއްޔެ އެމްޑީޕީން ކުރި މުޒާހަރާގައި އެ ޕާޓީގެ ވަގުތީ ޗެއާޕަސަން ރީކޯ މޫސާ މަނިކަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ދިނުމަށް ސިންގަޕޫރަށް ފުރުވާލާފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މޫސަ މަނިކުގެ އާއިލާގެ މެންބަރަކު "ސަން" އަށް މިއަދު ވިދާޅުވީ މޫސަ އިތުރު ފަރުވާއަށް ސިންގަޕޫރަށް ރޭ ފުރުވާލީ ދަންވަރު 2 ޖަހާކަށް ހާއިރު ކަމަށެވެ.
"މޫސަ މިހާރު އޮންނެވީ ސިންގަޕޫރު ހޮސްޕިޓަލެއްގައި" އެ މެންބަރު ވިދާޅުވި އެވެ.
އެމްޑީޕީން އިއްޔެ މެންދުރު ފަހު އެމްއެމްއޭ ސަރަހައްދަށް އެއްވެ ކުރި މުޒާހަރާ ފުލުހުން ރޫޅާލަން އުޅުމުގެ ތެރޭގައި މޫސަގެ ބޯ ފަޅައިގެން ގޮސް އަނިޔާތަކެއް ވުމާ ގުޅިގެން އޭނާ އަށް އޭޑިކޭ ހޮސްޕިޓަލުގެ އެމެޖެންސީގައި ވަނީ ފަރުވާ ދީފަ އެވެ. މޫސަ މީޑިޔާތަކުގައި ވިދާޅުވެފައި ވަނީ ފުލުހުން އޭނާއަށް ވަރަށް އަނިޔާ ކުރި ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުން ރޭ ބުނީ އެ ހޮސްޕިޓަލުން ކްރިޓިކަލް ޕޭޝަންޓަކަށް ފަރުވާނުދޭ ކަމަށެވެ.
އެމްޑިޕީން އިއްޔެ ކުރި މުޒާހަރާގައި ގިނަ ބަޔަކު ހައްޔަރުކުރި އިރު އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުން ގިނަ ބަޔަކަށް އަނިޔާވެ ވަނީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ.