އެމްޑަބްލިއުއެސްސީގެ ދިގު ތާރީހުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ، ޝާއިއުކޮށްފައިވާ "ރިހި 25" ފޮތް ނައިބު ރައީސް ފައިސަލް ނަސީމަށް ހަދިޔާކުކޮށްފި އެވެ.

އެ ފޮތް ނައިބު ރައީސްއަށް އެރުވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝާހު އެވެ.

އެ ފޮތަކީ އެމްޑަބްލިއުއެސްސީގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ދިގު ތާރީހުގެ މައްޗަށް ބިނާކޮށް ޝާއިއުކޮށްފައިވާ ފޮތެކެވެ.

އެ ފޮތުގައި އެކުންފުނި އުފެދިގެން އައި ގޮތާއި އެކުންފުނިން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކުގެ ތަފްސީލުތައް ހިމަނާފައިވެ އެވެ. އަދި ކުންފުނީގެ މަސައްކަތް ފެށުނީއްސުރެ މާލޭގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހާލަތު އެކި ދުވަސްވަރުގެ މަތިން ބަދަލުވަމުން އައިސްފައިވާ ގޮތްވެސް ބަޔާންކޮށްދީފައިވެ އެވެ.

ހަމައެއާއެކު ފެނާއި ނަޖިހުގެ ހާލަތާމެދު މާލޭގައި އެންމެ ފުރަތަމަ ކުރި އިލްމީ ދިރާސާ ރިޕޯޓުން ފެށިގެން އެކި ދައުރުތަކުގައި މާލޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރި މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ވެސް މިފޮތުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން މިހާރު އެމްޑަބްލިޔުއެސްސީއިން ފެނާއި ނަރުދަމާގެ އިތުރުން އެހެން ދާއިރާތަކުގައި ފައިތިލަ ސާބިތުކޮށް ހޯދަމުންދާ ކުރިއެރުންތަކުގެ މައްޗަށްވެސް އެފޮތުގައި އަލިއަޅުވާލާފައިވެ އެވެ.