25 Apr 2021, 12:04
ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު އިތުރުކުރުމަށް ފެންނަ ކަމަށް، އެކަމަށް އެކުލަވާލި ހާއްސަ ކޮމިޓީން ނިންމި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީ އިން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވަނީ، ފިނޭންސް މިނިސްޓްރީން އެދުނު ގޮތަށް، އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށެވެ.
އެ ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާފައި ވާއިރު، ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް ހަތަރު މެމްބަރުން ވޯޓު ދެއްވި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާ އިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ފިނޭންސް އިން މިދިޔަ ހޯމަ ދުވަހު އެދުނީ އެ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލަދިނުމަށެވެ.
މުއްދަތު އިތުރުކުރުމަށް އެދުނީ ކޮވިޑް19 މުޅިން ކޮންޓްރޯލްކުރެވިފައި ނުވާތީ އާއި، އިގްތިސޯދު ރަނގަޅުވަމުން ދިޔަ ނަމަވެސް ކޮވިޑް19ގެ ކުރިން ހުރި މިންވަރަށް ވާސިލުވާން ވަގުތު ނަގާނެތީ އެވެ.
އެއް ދުވަހުގެ ތެރޭގައި އެ ކޮމިޓީން މައްސަލަ ބަލައި އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ދިން އިސްތިސްނާ ދިން އިރު، ޕަބްލިކް އެކައުންޓްތަކުން އޯވަޑްރޯ ކުރެވޭ ލިމިޓް 4.4 ބިލިއަނަށް ވުރެ އިތުރު ނުވާނެހެން ފިނޭންސް އިން ކޭޝްފްލޯ މެނޭޖުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި އޮޑިޓާ ޖެނެރަލް އޮފީހުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވެ އެވެ.
އެމްއެމްއޭ އިން ބުނެފައި ވަނީ ބަޖެޓް މޮނިޓައިޒްކުރުމަކީ އޭގެ ސަބަބުން އިގްތިސޯދަށް ނުރަނގަޅު އަސަރުތަކެއް، މެދު އަދި ދުރު ރާސްތާގައި ކުރާނެ ކަމެއް ކަމަށާއި ރާއްޖޭގެ ހާލަތަށް ބަލާއިރު މުދަލާއި ހިދުމަތުގެ އަގު ހިފެހެއްޓުމަށް ނުވަތަ އިންފްލޭޝަން ރޭޓު ކޮންޓްރޯލްކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެކްސްޗޭންޖު ރޭޓު ކަމަށްވާއިރު، މަނިޓަރީ ފައިނޭންސިން ދިގު މުއްދަތަކަށް ކުރަމުންދާ ނަމަ، އެކްސްޗޭންޖް ރޭޓު ދެމެހެއްޓުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ކުރިއަރާ މިންވަރަށް ބަލައި އަދި މެދު ރާސްތާގެ ކޭޝްފްލޯގެ އަންދާޒާތަކަށް ބަލައި، އެމްއެމްއޭގެ އޯވަޑްރާފްޓް ފެސިލިޓީގެ އަދަދު އަދި މުއްދަތު ކަނޑައެޅުން މުހިންމު ކަމަށާއި، ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރެވޭ ލިމިޓް 4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ނުކުރުމާއި، އެއް އަހަރަށް ވުރެ އޯޑީގެ މުއްދަތު އިތުރު ނުކުރުން މުހިންމު ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނީ އޯޑީ ފެސިލިޓީގެ އަދަދު 4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރުކޮށްފި ނަމަ، ފޫނުބެއްދޭ ވަރުގެ ގެއްލުންތައް އިގްތިސޯދަށް ކުރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފޮރިން އެކްސްޗެންޖު ރޭޓަށް ބަދަލުގެންނަން މަޖުބޫރުވެ، ބާޒާރުން ދައުލަތުގެ ދަރަނި ހޯދަން ދަތިވެ، އަގު ބޮޑުވުމަށް ފުރުސަތު އޮންނާނެ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ އޯޑީ ފެސިލިޓީ އަނބުރާ އަދާކުރާނެ ގޮތުގެ ޕްލޭނެއް އޮތުން މުހިންމު ކަމަށާއި ފައިނޭންސް ކޮސްޓެއް ހިމެނުމަކީ ފައިސާ އަނބުރާ ދެއްކުމުގެ ޑިސިޕްލިން މެއިންޓެއިން ކުރަން އެޅޭ ބާރެއް ކަމަށެވެ.