09 Feb 2012, 11:52
ރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ގައުމީ ދާރުލް އާސާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ބަޔަކު ދީފި އެވެ.
ދާރުލް އާސާރުން ވާހަކަދެއްކެވި އިސް ބޭފުޅަކު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި އެ ދުވަހު މޫނު ނިވާކޮށްގެން ތިބި ބަޔަކު ދާރުލް އާސާރަށް ވަދެ ބޮޑެތި ގެންލުންތަކެއް ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދާރުލް އާސާރަށް ދިން ގެއްލުންތަކަކީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.
"މޫނު ނިވާކޮށްގެންތިބި ބަޔަލު ވަދެ މިތާގައި ހުރި ޝޯކޭސްތަކާއި ބައެއް ބުދުތައް ވެސް ވަނީ ތަޅާލާފައި. އިތުރު މައުލޫމާތެއް އަޅުނގަޑުމެންނަކަށް އަދި ދެވޭކަށް ނެތް. އަޅުނގަޑު ނުދެކެން މިއީ ސިޔާސީ ކަމެއްކަމަކަށް. މިއީ ކޮންމެވެސް އެހެން ބޭނުމަކު މިތަނަށް ދިން ގެއްލުންތަކެއް." ގެއްލުންދިން ދުވަހު އެތާގައި ހުންނެވި އިސް ބޭފުޅާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދާރުލް އާސާރަށް ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯ ފުލުހުންގެ ފޮރިންސިކް ޓީމުން މިހާރު ނަގާފައިވާ ކަމަށާއި އަދި އެ އެތަން މިހާރު ސާފުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަނުގެ މައުލޫމާތެއް ފުލުހުންނަށް ދީފައި ނުވާކަމަށާއި ފުލުހުންނަށް ވެސް އެކަމުގެ މައުލޫމާތު ލިބުނީ މީޑިއާގެ ފަރާތުން ކަމަށެވެ. އަދި އެމައްސަލަ ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ގައުމީ ދާރުލް އާސާރަކީ ޗައިނާ ސަރުކާރުން ހިލޭ އެހީގައި 26 ޖުލައި 2010 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދު ހުޅުވައިދެއްވި އިމާރާތެކެވެ.
ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ދަނީ ގިނަ އަދަދެއްގެ ތަންތަނަށް ގެއްލުންތަކެއް ދެމުންނެވެ. އެގޮތުން އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި ވެސް ވަނީ ފުލުހުންގެ ގިނަ ސްޓޭޝަން ތަކަށާއި ވެހިކަލްތަކެއް ގެއްލުން ތަކެއް ދީފައެވެ.