11 Jul 2010, 16:16
19:00
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ރާއްޖޭގައި ވަޑައިގެން ނޫޅުއްވާ ކަމަށް ބުނެ، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ދާދިފަހުން ރާއްޖެ ކުރެއްވި ރަސްމީ ދަތުރުފުޅުގެ ކަންތައް ހަމަޖެއްސެވުމަށް މާލެ ވަޑައިގެންނެވި ލަންކާގެ ވަފުދުގެ ބޭފުޅުންނަށް ފޮރިން މިނިސްޓްރީން ދޮގު މައުލޫމާތު ދީފައިވާ ކަމަށް އެ މަނިކުފާނުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފު (މުންދު) ތުހުމަތުކުރައްވައިފި އެވެ.
މުންދު ވިދާޅުވީ، ގައުމެއްގެ އިސް ބޭފުޅަކު އެހެން ގައުމަކަށް ރަސްމީ ދަތުރެއް ކުރައްވާއިރު ޑިޕްލޮމެޓިކް ޕްރޮޓޮކޯލް ހަމަޖެހިފައި އޮންނަ ގޮތުން، އެ ބޭފުޅަކު ބައްދަލުކުރައްވަން ބޭނުންވެލައްވާ ހުރިހާ ފަރާތްތަކަކާ ބައްދަލުކުރެއްވުމެއް ބޭއްވުމުގެ އިންތިޒާމް އެ ގައުމެއްގެ ފޮރިން މިނިސްޓްރީން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. އެގޮތުން، ދާދި ފަހުން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ރާޖަޕަކްސަ ރާއްޖެއިން ބައްދަލުކުރައްވަން ބޭނުންވެލެއްވި ފަރާތްތަކުގެ ލިސްޓުގައި ކުރީގެ ރައީސް މައުމޫން ހިމެނިވަޑައިގަންނަވާކަން މާ ކުރީއްސުރެވެސް ފޮރިން މިނިސްޓްރީއަށް އެނގޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އެ މިނިސްޓްރީން އެކަންތައް ހަމަޖައްސާދީފައިނުވާ ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ، އެ ބައްދަލުކުރެއްވުމާ ގުޅޭ 'ކޮންފިއުސިން' މެސެޖްތަކެއް ލިބިވަޑައިގެންނެވުމަށްފަހު، އެންމެ ފަހުން ކަންތައް ހިނގި ގޮތް ސާފުވީ، ލަންކާގެ ވަފްދުގައި ހިމެނިވަޑައިގެންނެވި ބޭފުޅަކު ޚުދް މުންދުއާ ފޯނުން ގުޅުއްވާ ރައީސް މައުމޫން ރަށުގައި ވަޑައިގެން އުޅުއްވާތޯ ސުވާލުކުރެއްވުމުން ކަމަށެވެ. އެގޮތުން އޭނާ އަރިހުގައި ރައީސް މައުމޫން މާލޭގައި އުޅުއްވަމުން ގެންދަވާ ވާހަކަ ވިދާޅުވުމުން، އެ ބޭފުޅުންނަށް ޚަބަރު ދެއްވާފައިވާ ގޮތުގައި ކުރީގެ ރައީސް މައުމޫން ރަށުގައި ވަޑައިގެން ނޫޅުއްވާ ކަމަށް އޭނާ ވިދާޅުވި ކަމަށް މުންދު ވިދާޅުވި އެވެ.
އެހެންކަމުން، ކުރީގެ ރައީސް މައުމޫނަކީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ބޭފުޅަކަށްވިޔަސް، އަދި އޭރު ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވާފައިވާ ޑރ.އަހްމަދް ޝަހީދު އެމަނިކުފާނާ ދޭތެރޭ ނުރުހުންވެވަޑައިގެންނެވި ކަމުގައި ވިޔަސް، ޑިޕްލޮމެޓިކް ޕްރޮޓޮކޯލްގެ ކަންތައްތައް ހަމަޖެއްސުމަކީ ފޮރިން މިނިސްޓްރީއަށް ލާޒިމްވެގެންވާ ކަންކަން ކަމުގައި މުންދު ވިދާޅުވި އެވެ. އަދި މިއީ ފޮރިން މިނިސްޓްރީން އަންޕްރޮފެޝަނަލްކޮށް ކަންތައް ކުރެއްވި ފުރަތަމަ ފަހަރު ނޫން ކަމުގައި ފާހަގަކުރައްވަމުން މުންދު ވިދާޅުވެފައިވަނީ، މީގެ ކުރިން ގަތަރުގެ އަމީރު މައުމޫނަށް ފޮނުއްވެވި ޚާއްސަ ސިޓީފުޅެއްވެސް އޭގެ މުއާލާތް ކެނޑެންދެން އެތައް ޒަމާންތަކެއް ވަންދެން އެ މިނިސްޓްރީގައި ބާއްވާފައިވާ ކަމަށެވެ. އަދި އެ ސިޓީ އުރަ ކެނޑުމަށްފަހު އޭގައިވާ ކޮންޓެންޓު ރައީސް އޮފީހުން އެޕްރޫވްކުރަންދެން ހިފަހައްޓާފައިވާ ކަމަށްވެސް މުންދު ތުހުމަތު ކުރެއްވި އެވެ.
މިއީ 'ދަށުދަރަޖައިގެ' އަމަލުތަކެއް ކަމަށް ސިފަކުރައްވަމުން މުންދު ވިދާޅުވެފައިވަނީ، އެކަމުގެ ސަބަބުން އެ މިނިސްޓްރީ އާއި މުޅި ގައުމުގެ އަގު ބޭރުގެ ފަރާތްތަކުގެ ކުރިމަތީގައި ވެއްޓިގެންދާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓްރީ މުހައްމަދު ޒުހެއިރުވެސް ވިދާޅުވީ، އެފަދަ ބޮޑު ދޮގެއް އެކުވެރި ދައުލަތެއްގެ ވެރިއެއްގެ އަރިހުގައި ދަންނަވާފައި ނުވާނެ ކަމަށެވެ. އަދި ސްރީލަންކާގެ ހައިކޮމިޝަނާއި މުވައްޒަފުން ރާއްޖޭގައި ތިއްބަވާއިރު، އެފަދަ ދޮގެއް ހައްދަވައިގެން އެ ދޮގު ސިއްރު ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަން ފާހަގަކުރައްވަމުން ޒުހެއިރު ވިދާޅުވީ، އެއީ ގަބޫލުކުރައްވަންވެސް ދަތިވާ ހިސާބުގައި އޮތް ދޮގެއް ކަމަށެވެ.
މީގެ އިތުރުން ރާޖަޕަކްސަ ރާއްޖެ ވަޑައިގެންނެވިއިރު ފޮރިން މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒްއާ ހަވާލާދެއްވާ އެ މިނިސްޓްރީގެ އިސް އޮފިޝަލަކުވެސް މިއަދު ވިދާޅުވީ، ރާޖަޕަކްސަގެ ވަފުދުގެ ބޭފުޅުން ކުރީގެ ރައީސް މައުމޫންގެ ވާހަކަ އެއްސެވުމުން އެއްވެސް އޮޅުވާލުމެއް ނެތި އެމަނިކުފާނު މާލޭގައި އުޅުއްވާ ވާހަކަ ދަންނަވާފައިވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫނާއި ރާޖަޕަކްސަގެ ބައްދަލުވުމެއް އިންތިޒާމްކުރެއްވުމަށް އެދި އެ ވަފްދުގެ ބޭފުޅުން ރިކުއެސްޓެއް ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.