ބަޣުދާދު (އޭޕްރިލް 25): އިރާގުގެ ވެރިރަށް ބަޣުދާދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލެއްގައި ރޯވުމުގެ ސަބަބުން 27 މީހަކު މަރުވެއްޖެ އެވެ.

ބަޣުދާދުގެ އިބްނު ކާތިބު ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި ރޯވީ އޮކްސިޖެން ޓޭންކެއް ގޮވުމުގެ ސަބަބުން ކަމަށް ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓު ކުރި އެވެ. އަދި ހޮސްޕިޓަލް އަލިފާނުން ރައްކާތެރި ކުރެވޭނެ ގޮތެއް ނެތުމުންނާއި ފަސޭހައިން ރޯވާ ޒާތުގެ ތަކެތި ހުރުމުން އަލިފާންގަނޑު ފެތުރުނީ އެވެ.

"ގިނަ މީހުން މަރުވީ ވެންޓިލޭޓަރުން ނަގާ އެހެން ތަނަކަށް ބަދަލު ކުރަން ޖެހުމުން، އެހެން މީހުން ދުމާ ހެދި ނޭވާ ހާސްވެގެން [މަރުވީ]،" އިރާގުގެ ސިވިލް ޑިފެންސްއިން ބުންޏެވެ.

އިރާގުގެ ސިވިލް ޑިފެންސް ޔުނިޓްގެ ވެރިޔާ މޭޖާ ޖެނެރަލް ކާދިމް ބޯހަމް ވިދާޅުވި ގޮތުގައި މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ އިރު، ހޮސްޕިޓަލުގައި ތިބި 120 ބަލިމީހުންނާއި އެމީހުންގެ ގާތްތިމާގެ މީހުން ތެރެއިން 90 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އަދި އެ ހާދިސާގައި 46 މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަދެމީ ވަނީ އެ ހާދިސާއާ ގުޅިގެން ހެލްތު މިނިސްޓްރީ ތަހުގީގު ކުރުމަށް އަންގަވާފަ އެވެ. އަދި އެ ހޮސްޕިޓަލުގެ ޑިރެކްޓަރާއި ސެކިއުރިޓީގެ ވެރިޔާ އާއި ޓެކްނިކަލް މެއިންޓެނެންސް ޓީމްވެސް ތަހުގީގު ކުރުމަށް ގޮވާލައްވާފަ އެވެ.

އިރާގުގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކޮވިޑްގެ ކޭސްތައް ހަލުވި ކަމާއެކު އިތުރުވަމުންގޮސް، މިހާރު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ އެއް މިލިއަނަށް އަރާފަ އެވެ. އޭގެ ސަބަބުން، މީގެ ކުރިންވެސް ހަނގުރާމަ އާއި ކޮރަޕްޝަނާއި އިހުމާލުގެ ސަބަބުން ހާލުގައި އޮތް ސިއްހީ ނިޒާމަށް ވަނީ ނުތަކާ ވަރުވެފަ އެވެ.

އިރާގުގައި މިހާތަނަށް ކޮވިޑް ޖެހިގެން 15،217 މީހަކު މަރުވެފައިވެ އެވެ.