25 Apr 2021, 11:11
ދިރިއުޅުމުގެ އެކި ކަންކަމާއި އަހަރެމެން ނިކަން ފަސޭހައިން މާޔޫސްވެއެވެ. ހިތްދަތިވެއެވެ. މިވެނި ކަމެއް އަހަރެމެންނަށް ދިމާވީ ކީއްވެގެންތޯ ހިތާހިތުން ޝަކުވާ ކުރެވެއެވެ. ﷲގެ ހަޒްރަތުގައި ބައެއް ކަންކަމަށް އެދިއެދިމެ ތިއްބަސް، އެކަންކަން ހާސިލް ނުވަނީ ކީއްވެގެންތޯ އަހާލެވެއެވެ. މިއަދުގެ ދީނުން ފިލާވަޅެއްގައި މި ގެނެސްދެނީ މިފަދަ ކޮންމެ ހިނދުކޮޅެއްގައިވެސް ހިތްތަކަށް ތަސައްލީއެއް ލިއްބައިދޭނެ ކުރު ހާދިސާއެކެވެ. މޫސާގެފާނާއި ފިރުއައުނާއި ދެމެދު ހިނގައިދިޔަ ހާދިސާކޮޅެކެވެ.
ފިރުއައުނަކީ ވަރަށް ޖައްބާރު ރަސްކަލެކެވެ. އޭނާގެ މުށުތެރޭގައި މުޅި މިސްރުގެ ވެރިކަން އަތްދަށުލައިގެން މުޅި ބަނީ އިސްރާއިލު ބައިގައިގެ މީހުން އަޅުވެތިކޮށްގެން އުޅުނު ނުލަފާ މީހެކެވެ. މާތްﷲ ވަނީ ކީރިތި ގުރުއާނުގައިވެސް ހުއްޓުމެއްނެތި ކަށްވަޅުގައި އަޒާބު ލިބޭ ބައެއްގެ ގޮތުގައި ފިރުއައުނާއި އޭނާގެ ގާތްމީހުން ހިމަނުއްވަވާފައެވެ. އެހެނީ ފިރުއަނުނަކީ އިބިލީހާއިވެސް ޚިލާފަށް އެންމެންގެ ވެރި އިލާހުކަމުގައި ދައުވާކުރި މީހެކެވެ.
އެހެންނަމަވެސް ފިރިއައުނުގެ އެ ބިޔަ ބޮޑު ވެރިކަމާއި "ޗެލެންޖު" ކުރާނެ ކުއްޖަކު ބަނީއިސްރާއިލު ބާގައިގެ މީހުންގެ ތެރެއިން އުފަންވާނެކަމުގެ ޚަބަރު އޭނާގެ ގާތުގައި ތިބި ކަހީނުން ދިނެވެ. އެއާއެކު ފިރިއައުނު މަސައްކަތްކުރީ ބަނީ އިސްރާއިލު ބާގައިގެ ތެރޭގައި އުފަންވާ ހުރިހާ ފިރިހެންކުދިން ދުނިޔެއަށް އަޔަނުދީ މަރާލުމަށެވެ. އެހެންނަމަވެސް ފިރިއައުނުގެ އެ މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. ﷲގެ ކުޅަދުންވަންތަކަން މާ ބޮޑެވެ.

ބަނީ އިސްރާއިލު ބާގައިގެ ތެރެއިން ފިރިއައުނާއި ތަހައްދަދު ކުރެއްވުމަށް ﷲ ކަނޑައެޅުއްވީ މޫސާގެފާނެވެ. ބޮޑުފުޅުވެވަޑައިގަތީ ފިރުއައުނުގެ ގަނޑުވަރުކޮޅު ތެރޭގައެވެ.
މިކަމާއި ދޭތެރޭ ވިސްނައިފި ކޮންމެ މީހަކަށްމެ އެނގި ހާމަވެގެންދާނޭ އެއްކަމަކީ މާތްﷲ ކަމަކަށް އަމުރުކުރައްވައިފިނަމަ އެކަމެއް ހިނގައިދާނެ ކަމެވެ. އަދި ދުނިޔެވީ އެއްވެސް ބާރަކަށް ނުވަތަ މީހަކަށް އެކަމަކަށް އަސަރެއް ނުފޯރުވޭނެކަމެވެ. އެމީހަކީ އަދި ކިތަންމެ ނުފޫޒުގަދަ، އާރާއި ބާރާއި ލިބިގެންވީ އަދި ކިތަންމެ ބޮޑު ފައިސާވެރިއެއްކަމުގައި ވިޔަސްމެއެވެ.
މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީސްތަކުން ފަހާ ދިޔަ ފިރުއައުނުގެ ލަޝްކަރު އެންމެފަހުން ނިމިދިޔައީ ނީލަކޯރަށް ޣަރަގުވެގެނެވެ. މި ހާދިސާ ނިކަން ތަފްސީލުކޮށް ކީރިތި ގުރުއާނުގައި ވަނީ ބަޔާންވެފައެވެ.
އެހެންކަމުން ތިމާގެ ހާލާތާއި ދިރިއުޅުމާއި މެދު ދެރަވި، ނާއުންމީދުވެގެންދާ ހިނދުވެސް މި ހާދިސާއިން އިބްރަތް ހާސިލްކޮށް ހަނދުމަ ކުރަންވީ އެއް ކަމަކީ، މާތް ﷲގެ އިނާޔަތާއި މަދަދު އެފަރާތަކަށް ލިބިއްޖެނަމަ އެފަރާތަކަށް ގެއްލުމެއް ދެވޭނެ އެހެން އެއްވެސް މީހެއް ނުހުންނާނެ ކަމެވެ. އަދި މަދަދާއި އެހީއަށް އެދެންވީ ހަމައެކަނި އެފަރާތުންކަމެވެ. ﷲގެ ނިޔާފުޅާއި ޚިލާފަށް މި ދުނިޔޭގައި ކިތަންމެ ކުޑަކަމެއްވެސް ހިނގައިގެން ނުދާނެ ކަމެވެ.