ކޮވިޑު19 އަށް ޕޮޒިޓިވް ތިން މީހަކު ވިހެއި ތިން ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑޮކްޓަރު ވިދާޅުވީ އެ ތިން ކުދިން ކޮވިޑަށް ނެގެޓިވްވި ނަމަވެސް ފަރުވާ ދޭން ޖެހެނީ ވަކިކޮށްގެން ވަކި ކިޔުބިކަލް ތަކެއްގައި ކަމަށެވެ.

ޑޮކްޓަރު ފައިސަލް ވިދާޅުވީ ބަލީގެ ހާލަތު ގޯސް ކަމަށާއި އެކަށީގެންވާ މިންވަރަށް ނަރުހުންވެސް ނެތް ކަމަށެވެ.

"އެކަށީގެންވާވަރަށް ނަރުހުން، މެޝިން، އެއްޗެހި ނެތް. ހާލަތު ގޯސް،" ޑޮކްޓަރު އިއްޔެ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑު ކޭސްތައްްް ފެންނަ މިންވަރު މި ފާއިތުވި ދެތިންދުވަސް ތެރޭ އިތުރު ވެފައިވާއިރު ހުކުރު ދުވަހު 300 އަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ 3،307 އަށް އަރާފައިވާއިރު މި ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ 27.621 އަށް އަރައިފަ އެވެ.