25 Apr 2021, 10:57
ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފެށުމަށް ބޭނުންވާ މުވައްޒަފުން ހޯދަން އެމްޓީސީސީއިން އިއުލާންކޮށްފި އެވެ.
ފެރީ ހިދުމަތުގެ ފުރަތަމަ ފިިޔަވަހީގެ ދަށުން ހއ، ހދ އަދި ށ. އަތޮޅު ފެރީގެ ނިޒާމުން ގުޅުވައިލާނެ އެވެ. އަދި އެ ހިދުމަތް ފޯރުކޮށްދިނުމަށް ޖުމުލަ 81 މުވައްޒަފުން ހޯދުމަށް އެމްޓީސީސީއިން ވަނީ އިއުލާންކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ؛
ފެރީ ކޮންޑަކްޓަރު (ބޭނުންވާ އަދަދު: 46)
- ސްޕީޑް ބޯޓު ކެޕްޓަން (ބޭނުންވާ އަދަދު: 34)
- އޮޕަރޭޝަންސް އޮފިސަރު (ބޭނުންވާ އަދަދު: 1)
އެ ހުރިހާ ވަޒީފާތަކުގެ މުއްދަތަކީވެސް އެއް އަހަރު ދުވަހެވެ. އަދި ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރާނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެވެ.
ފެރީ ކޮންޑަކްޓަރުންނާއި ސްޕީޑް ބޯޓު ކެޕްޓަނުންނަށް މުސާރައާއި އިނާޔަތްތަކާއެކު 10،000ރ ލިބޭނެ އެވެ. އަދި ޕެންޝަން ސްކީމްއާއި ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ވެސް ބައިވެރި ކުރާނެ އެވެ.
އޮޕަރޭޝަންސް އޮފިސަރުގެ މުސާރައަކީ އިނާޔަތްތަކާއެކު 12،000ރ އެވެ. އަދި ޕެންޝަން ސްކީމްއާއި މެޑިކަލް އިންޝުއަރެންސްގައި ބައިވެރިކުރުމުގެ އިތުރުން އިތުރުގަޑީގެ ފައިސާ ވެސް ހަމަޖެހިފައިވާ އުސޫލުން ލިބޭނެ އެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މެއި 31 ވަނަ ދުވަހުގެ މެންދުރުފަހު 3:00އަށެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން، ޓާމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.