ނިމުނު ލޯކަލް ކައުންސިލް އިންތިހާބުގައި 75 ގޮނޑީގެ ތަފާތަކުން ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ކަން އިލެކްޝަންސް ކޮމިޝަންގެ ދާއިމީ ނަތީޖާ އިން ދައްކައިފި އެވެ.

ދާއިމީ ނަތީޖާ ދައްކާ ގޮތުން ކައުންސިލްތަކުގެ އިންތިހާބު ކުރަން ޖެހޭ 982 ކައުންސިލަރުންގެ ތެރެއިން އެމްޑީޕީން ކުރިމަތިލި 804 މަގާމުން ލިބިފައިވަނީ 400 ގޮނޑި އެެވެ. އެއީ މުޅި އިންތިހާބުގެ 40 ޕަސަންޓެވެ. އަދި އެއީ އެމްޑީޕީއިން ވާދަކުރި 804 ގޮނޑީގެ ތެރެއިން 49.8 ޕަސެންޓުގެ ގޮނޑީގެ ކާމިޔާބެކެވެ.

ވާދަވެރި ޕީޕީއެމްއިން ކުރިމަތިލި 647 ގޮނޑީގެ ތެރެއިން ލިބިފައިވަނީ 325 ގޮނޑި އެވެ. އެއީ މުޅި އިންތިހާބުގެ 33 ޕަސެންޓެވެ. އަދި ވާދަކުރި ނިސްބަތުން ބަލާ ނަމަ އެ ޕާޓީއިން ވަނީ 50 ޕަސެންޓް ގޮނޑި ނަގައިފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވާދަކުރި 161 ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބުކުރީ، 11 ބޭފުޅުންނެވެ. އެ ކޯލިޝަންގައި ދެން ހިމެނޭ އަދާލަތް ޕާޓީން 28 ކެންޑިޑޭޓުން އަދި މައުމޫންގެ އެމްއާރުއެމް އިން 15 ކެންޑިޑޭޓުން ވާދަ ކުރި އެވެ. އަދާލަތަށް ލިބިފައިވަނީ 11 ގޮނޑި އެވެ. އެމްއާރުއެމްއަށް ލިބިފައިވަނީ، އެއް ގޮނޑި އެވެ.

އެމްޑީއޭއިން ވާދަ ކުރި 20 ގޮނޑިން 16 ގޮނޑި އެޕާޓީއަށް ލިބިފައިވެ އެވެ. އަދި އެމްއެލްއެސްޑީޕީން ކުރިމަތިލި ހަތަރު ގޮނޑިން އެއް ގޮނޑި އެޕާޓީން ނެގި އެވެ. އޭގެ އިތުރުން، އަމިއްލަ ގޮތުން 600 ކެންޑިޑޭޓުން ވާދަކުރިއިރު 173 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރި އެވެ.

ސިޓީތަކުން އެމްޑީޕީއަށް ލިބިފައިވަނީ، 25 ގޮނޑި އެވެ. އޭގެ ތެރޭގައި ތިން ސީޓީގެ މޭޔަރުކަން ހިމެނެ އެވެ. އެއީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީ އަދި ފުވައްމުލަށް ސިޓީ އެވެ.

މާލެ ސީޓީގެ މޭޔަރުކަން ލިބިފައިވަނީ ޕީޕީއެމްއަށެވެ. ކުރިން އެމްޑީޕީއަށް މާލެ ސިޓީގެ މެޖޯރިޓީ ލިބުނު ނަމަވެސް، މިފަހަރު އިންތިހާބުގައި މާލެ ސިޓީގެ މެޖޯރިޓީ ލިބިފައިވަނީ ޕީޕީއެމްއަށެވެ. އެގޮތުން މާލެ ސިޓީން ޕީޕީއެމްއިން 11 ގޮނޑި ނަގާފައިވެއެވެ. ސިޓީތަކުން ޖުމްލަ 17 ގޮނޑި ޕީޕީއެމްއަށް ލިބިފައިވެއެވެ.

މިފަހަރު ކޮންމެ އަތޮޅަކުން ރައީސަކު ހޮވަން ޖެހޭއިރު، 18 އަތޮޅުން ފުރިހަމަ އަޣުލަބިއްޔަތު ލިބެނީ އެމްޑީޕީއަށެވެ. އެގޮތުން އެމްޑީޕީން ވަނީ 11 އަތޮޅު ރައީސްކަން ހޯދާފަ އެވެ. ޕީޕިއެމްއަށް ލިބެނީ ހަތް އަތޮޅު ރައީސްކަމެވެ.

ރަށު ކައުންސިލްތަކަށް ބަލާއިރު، އެމްޑީޕީން ކައުންސިލް ރައީސުންގެ 71 ގޮނޑި ކާމިޔާބު ކުރާއިރު، ޕީޕީއެމްއަށް ލިބިފައި ވަނީ، 71 ގޮނޑި އެވެ. ކައުންސިލް މެމްބަރުންގެ ގޮތުގައި އެމްޑީޕީން އިންތިހާބީ 155 ކައުންސިލަރުންނެވެ. ޕީޕީއެމްއިން އިންތިހާބުވީ، 155 ކައުންސިލަރުނެވެ.