25 Apr 2021, 10:03
ޖަކާޓާ (އެޕްރީލް 25) : އިންޑޮނީޝިއާގެ ގެއްލުނު ސަބްމެރިން އޮތީ ކަނޑުގެ 2،800 ފޫޓު އަޑީގައި ކަމަށާ އެ ސަބްމެރިން ނެގުމުގެ ފަންނީ ގާބިލްކަން ނެތުމުން އޭގައި ތިބި މީހުންގެ ފުރާނަ ސަލާމަތް ކުރުުގެ ފުރުސަތު ވަރަށް ކުޑަކަމަށް އެގައުމުން ބުނެފިއެވެ.
އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ވެރިޔާ ޔޫޑޯ މަރްގޮނޯ ވިދާޅުވީ ގެއްލުނު ސަބްމެރިން އޮތްތަން މިހާރު ދެނެގަނެވިފައިވާ ކަމަށާ އަދި ސަބްމެރިންގެ ބައެއް ބައިތައް ކަނޑުން ފެނުމުން ސަބްމެރިން ހަލާކުވެފައިވާ ކަމަށް ބެލެވޭ ކަމުގައެވެ.
53 މީހުންނާއެކު މިދިޔަ ހަފްތާގައި ގެއްލުނު އިންޑޮނީޝިއާގެ ސަބްމެރިން އަކީ ޖަރުމަނުގައި އުފައްދާފައިވާ ކޭއާރްއައި މަރުކާގެ ސަބްމެރިން އެކެވެ. ކަނޑުން ފެނުނު ސަބްމެރިންގެ ބައިތަކަކީ އޭތި ހަލާކުނުވަނީސް ނެއްޓިގެންދާނެ ބައިތަކެއް ނޫންކަމަށްވަނީ ބެލެވިފައެވެ. އަދި އިއްޔެގެ ނިޔަލަށް ސަބްމެރިނުން އޮކްސިޖަން ވެސް ހުސްވާނެކަމަށް ބެލެވިފައިވާތީ ސަބްމެރިންގައި ތާށިވި 53 މީހުން ދިރި ތިބޭނެކަމުގެ އުންމީދު ކުޑަކަމަށް އިންޑޮނީޝިއާގެ މަސްއޫލުވެރިން ވަނީ ވިދާޅުވެފައެވެ.

އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ވެރިޔާ ޔޫޑޯ މަރްގޮނޯ ވިދާޅުވިގޮތުގައި މިއީ އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ކާރިސާއެވެ. 1978 ވަނަ އަހަރު ޖަރުމަނުގައި އުފައްދާފައިވާ މި ސަބްމެރިން 2012 ވަނައަހަރުވަނީ ދެކުނު ކޮރެޔާގެ އަސްކަރީ ޑޮކްޔާޑެއްގައި ވަރަށް ރަނގަނޅަށް މަރާމާތުކޮށްފައެވެ. ނަމަވެސް ސަބްމެރިންގެ އޮނގަނޑަށް 40 އަށްވުރެ ގިނަ އަހަރުވެފައިވާތީ މާބޮޑަށް ފުނައްގޮސްފިނަމަ އޭގައި މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޓެކްނީޝަނުންނާ ހަވާލާދީ އިންޑޮނީޝިއާގެ މީޑީއާ ރިޕޯޓްތައް ބުނެއެވެ.
ސަބްމެރިން ހަލާކުވި ކަމުގެ ކަންބޮޑުވުން އުފެދުނީ ސަބްމެރިން ކަނޑުގެ އަޑިއަށް ދިޔަ ސަރަހައްދުން ތެލުގެ އަސަރު ވަރަށް ބޮޑަށް ފެނިފައިވާތީއެވެ. މިއީ އޭގެ ތެޔޮ ޓޭންކް ހަލާކުވެފައިވާކަމަށް ބެލެވޭވަރުގެ ހެއްކެކެވެ. ސަބްމެރިން އަޑިއަށްދިހަ ސަރަހައްދުން ފެނުނު ތަކެތިގެ ތެރޭގައި މުސައްލަ ތަކަކާއި އޭގެ ބައެއް ބައިތައް ލުބްރިކޭޓް ކުރުމަށް ބޭނުންކުރާ ގިރިސް ފުޅިއެއް ހިމެނެއެވެ.
މުސައްލައަކީ އޭގައިތިބި އިންޑޮނީޝިއާގެ ސިފައިން ނަމާދުކުރުމަށް ބޭނުންކުރާ އެއްޗަކަށްވާތީ މުސައްލަ ފަދަ ތަކެތި ފެންނާނީ ސަބްމެރިންގެ އޮނިގަނޑު ވަރަށްބޮޑަށް ހަލާކުވެގެންކަމަށްވަނީ ބެލެވިފައެވެ. ސަބްމެރިން އަޑިއަށްދިޔަ ސަރަހައްދުން އެތަކެތި ފެނުނުއިރު އެތަނުން އެހެން ބޯޓެއް ދަތުރުކޮށްފައިނުވާކަން ސަބްމެރިން ހޯދުމަށް މަސައްކަތްކުރާ އިންޑޮނީޝިއާގެ ފަންނީ ޓީމުން ބުނެއެވެ.
ސަބްމެރިން ހަލާކުވި ކަމަށް ބެލެވުނު ނަމަވެސް ކެމެރާތަކުގެ ޒަރީއާއިން ކަނޑުއަޑިން ސަބްމެރިން ފެންނައިރު ބޭރުފުށުން އޭތި އޮތީ ރަނގަޅު ހާލަތުގައި ކަމަށް ބެލެވޭކަމަށް އިންޑޮނީޝިއާގެ މަސްއޫލުވެރިން ވިދާޅުވިއެވެ. ކޭއާރްއައި މަރުކާގެ މި ސަބްމެރިން ގެއްލިފައިވަނީ އިންޑޮނީޝިއާގެ ބާލީގެ ކަނޑުގެ އައްސޭރި ފަށުގައި އެގައުމުގެ ކަނޑުގެ ސިފައިން ހިންގި އަސްކަރީ ތަމްރީންތަކެއްގައި މިދިޔަ ބުދަ ދުވަހުއެވެ. (ނޫސްއެޖެންސީތައް)