އަމީނިއްޔާ ސްކޫލުގެ ގޯތިތެރޭގައި އެއްޗެއް ގޮއްވާލައިފި އެވެ. މިހާ ހާދިސާގައި ދަރިވަރަކަށް ވެސް ސްކޫލްގެ އެހެން މުވައްޒަފުންނާއި ޓީޗަރަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް އާތިޔާ ނަސީރު މިއަދު ވިދާޅުވީ މިއަދު 11:00 ޖަހާ އެހާކަންހާއިރު އެ ސްކޫލްގެ ތެރެއިން އެއްޗެއް ގޮވި އަޑު އިވުނު ކަމަށާއި ޝައްކު ކުރެވެނީ ކޮންމެވެސް "ކުދިބަޔަކު އެއްލި ފުޅިއެއް" އެ ސްކޫލުގެ ގޯތިތެރޭގައި ގޮވީ ކަމަށެވެ.

އާތިޔާ ވިދާޅުވީ ފުޅި ގޮވުމުގެ ސަބަބުން ސްކޫލުގެ ކިޔެވުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ސްކޫލުގެ ކިޔެވުން ކުރިއަށްދާ ކަމަށާއި އޭގެ ސަބަބުން ބޮޑު ކަމެއް ހިނގާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމު ވިދާޅުވީ އަމީނިއްޔާ ސްކޫލްގެ ގޯތިތެރޭގައި ކޮންމެވެސް ބަޔަކު އެއްޗެއް ގޮއްވާލިކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އަމީނިއްޔާ ސްކޫލްގެ ތެރޭގައި ހަރަކާތް ތެރިވަމުން އަންނަ ކަމަށާއި އެއްވެސް މީހަކަށް ވެސް އަދި ކުއްޖަކަށް ވެސް އެ ހާދިސާގެ ސަބަބުން ގެއްލުން ލިބިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ބެލުމަށް ފަހު އިތުރު މައުލޫމާތު މީޑިޔާއަށް ދޭނެ ކަމަށެވެ.