09 Feb 2012, 11:25
ދިމިޝްގް (ފެބްރުއަރީ 8) : ސޫރިއާގައި ހިނގަމުންދާ ލޭ އޮހޮރުވުންތައް ނިމުމަކަށް ގެނައުމަށް ރައީސް ބައްޝާރުލްއަސަދް ބޭނުންވާ ކަމަށް އެޤައުމަށް ޒިޔާރަތް ކުރެއްވި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލާވްރޯވް ވިދާޅުވެއްޖެއެވެ.
ބައްޝާރާ ބައްދަލުކުރެއްވުމަށްފަހު ދިމިޝްޤުގައި ދެއްވި ބަޔާނެއްގައި ލާވްރޯވް ވިދާޅުވީ ލޭ އޮހޮރުވުންތައް ނިމުމަކަށް ގެނައުމަށް ދެއްވަން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ރައީސް ބައްޝާރުލް އަސަދު ތައްޔާރަށް ހުންނެވި ކަމަށާއި ބައްޝާރު ބޭނުންވަނީ ސުލްހަކަން އޭނާ ވަރަށް ސަރީހަކޮށް ވިދާޅުވިކަމުގައެވެ.
ލަވްރޯވް ވިދާޅުވީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުވައި މައްސަލަ ހައްލުކުރަން އަރަބި ލީގުން އެކުލަވާލާފައިވާ ޕްލޭން ތަންފީޒުކުރުމަށް ރަޝިއާގެ އެއްބާރުލުން ލިބޭނެކަމުގައެވެ. ލާވްރޯވް ވިދާޅުވީ އަރަބި ލީގުގެ ޕްލޭން ތަންފީޒުކޮށްގެން މައްސަލަ ޙައްލުކުރަން ބައްޝާރުވެސް ބޭނުންފުޅުވާ ކަމަށާއި ސޫރިޔާގައި ތިއްބެވި އަރަބި ލީގުގެ އޮބްޒާވަރުންގެ ޓީމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެންކަން ބައްޝާރު ފާހަގަ ކުރެއްވި ކަމުގައެވެ.
އަރަބި ލީގުން ވަނީ ސޫރިޔާގެ މައްސަލާގައި ރަޝިޔާއާއި ޗައިނާ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުން ހިތްހަމަ ނުޖެހިފައެވެ. ޢަރަބި ލީގުގެ ސިޔާސަތަކީ އދ. ގެ ސަލާމަތީ މަޖިލީހުން ސޫރިއާ ސަރުކާރާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައިގެން ނަމަވެސް ބައްޝާރުގެ ސަރުކާރުން ހިންގަމުން ގެންދާ މީހުން މެރުމުގެ އަމަލުތައް ހުއްޓުމަކަށް ގެނައުމެވެ.
ރަޝިއާ އާއި ޗައިނާ ބުނާގޮތުން އެދެޤައުމު ބޭނުންވަނީ ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައިގެން މައްސަލަ ހައްލުކުރަން މަޖުބޫރުކުރުވުމުގެ ބަދަލުގައި ވާހަކަދައްކައިގެން ސޫރިއާގެ މައްސަލަ އަށް ސުލްހަވެރި ސިޔާސީ ހައްލެއް ހޯދުމެވެ. އދ. އާއި އަރަބި ލީގު މެދުވެރިކޮށްގެން މައްސަލަ ހައްލުކުރަން ބޭނުންވާކަން އެ ދެ ގައުމުންވަނީ ހާމަކޮށްފައެވެ.
ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުންކުރި މުޒާހަރާތަކާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 6500 އަށް އަރާފައެވެ. -- އަލްޖަޒީރާ