ނިއުދިއްލީ (އެޕްރީލް 24) : އިންޑިޔާގައި ކޮވިޑް-19ގެ ވަބާ ކޮންޓްރޯލުން ނައްޓައި ހާލަތު ގޯސްވުމުގެ މައިގަނޑު ސަބަބުތަކަކީ ލައްކައިން ނުވަތަ މިލިޔަނުން މީހުން އެއްވާ ހިންދޫންގެ ދީނީ ބޮޑެތި އެއްވުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދިނުމާއި ބާޒާރުތައް ފަދަ އާންމުން ތޮއްޖެހޭ ތަންތަނުގައި ގައިދުރުކަން ނުބެހެއްޓުމާ މާސްކު ނާޅައި އުޅޭމީހުން ގިނަވުމާ އަދި އަތްދޮވުމާއި ސެނިޓައިޒާ ފަދަ ތަކެތީ ބޭނުންކުރާ މިންވަރު ކުޑަވުން ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ސިއްހަތާބެހޭ މާހިރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ގަންގާ ކޯރުން ފެންވެރުމަށް ގިނަ ބަޔަކު ގައިގޯޅިކޮށް އެއްވާ އެއްވުންތަކާއި ދާދިފަހުން ވެސްޓް ބެންގޯލްގައި ބޭއްވި އިންތިޚާބުގެ ކޭންޕޭނަށް އެއްވި އެއްވުންތަކަށް ފަހު އެތަންތަނުގެ ކައިރީ ސަރަހައްދުތަކުގައި ކޮވިޑް ފެތުރޭ މިންވަރުވަނީ އެތައް ގުނައަކަށް އިތުރުވެގެން ގޮސްފަ އެވެ.

އިންޑިއާގައި ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ ދުވާލެއްގެ މައްޗަށް 3 ލައްކައަށް ވުރެ މައްޗަށް

ފާއިތުވި ދެތިން ދުވަހަށް ބަލާއިރު އިންޑިއާގައި ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ ދުވާލެއްގެ މައްޗަށް ތިން ލައްކައަށް ވުރެ މައްޗަށް ގޮސްފަ އެވެ. ކުރީ ދުވަހު 332،000 މީހުން އިންޑިއާގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވި ކަަމަށް ރިޕޯޓްކޮށްފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވި ހަގީގީ އަދަދު މީގެ ދިހަ ގުނައަށް އަރާނެކަމަށް ސިއްހަތާބެހޭ މާހިރުން ލަފާކުރައްވަ އެވެ.

ހޮސްޕިޓަލްތައް ފުރިފައި

ކޮވިޑް ޖެހިގެން ދުވާލަކު 2200 އަށްވުރެ ގިނަ މީހުން މަރުވާއިރު އޮކްސިޖަން އާއި ބޭހަށް ޖެހިފައި

އިންޑިއާގެ ނޫސްތައް ބުނާގޮތުން ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ކޮވިޑް ޖެހިގެން 2200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ވެރިރަށް ނިއުދިއްލީ އަށް ބަލާއިރު އެސިޓީގައި ފާއިތުވި 24 ގަޑީއިރު ތެރޭގައި ކޮވިޑް ޖެހިގެން ކޮންމެ ފަސް މިނެޓަކުން މީހަކު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނިއުދިއްލީގެ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ ކޮވިޑްގެ ބަލިމީހުންނަށް އޮކްސިޖަން ލިބުން ދަތިވެފައިވާއިރު ކޮވިޑް ބަލިމީހުންނަށް ދޭ އާންމު ބޭސްތައް ލިބުންވެސްވަނީ ދަތިވެފަ އެވެ.

ހޮސްޕިޓަލްތައް ފުރިގެން ބަލިމީހުން ގޭގެއަށް ފޮނުވާލަނީ

ނިއުދިއްލީގެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރިގެން ބަލިމީހުން އެޑްމިޓް ނުކޮށް އަނބުރާ ފޮނުވާލަމުން ގެންދާކަން ޑޮކްޓަރުންވަނީ ކަށަވަރުކޮށްދިފަ އެވެ. ނިއުދިއްލީ ނޫން ސްޓޭޓެއް ކަމަށްވާ މަހާރާޝްޓްރާގެ ހާލަތު ވެސް ހުރީ މިއާ ދާދި އެއްގޮތަކަށެވެ. މަހާރާޝްޓްރާގައި ވެސް ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް 500 އާއި 600 އާ ދެމެދު ގެ އަދަދަކަށް މީހުން މަރުވާ ކަމަށް ވެ އެވެ. މި ދެސްޓޭޓްގެ ބައެއް ސަރަހައްދުތަކުގައި މަރުވާ މީހުން އެންދުމަށް ބޭނުންވާ ދަރު ހޯދުމަށް ދަތިވާ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށް އިންޑިއާގެ ނޫސްތައް ބުނެ އެވެ.

އިންޑިއާގައި މަރުވާ މީހުންގެ ހަށިތައް ޖަމާއީކޮށް އަންދަނީ

ހަށިތައް އަންދާނެ ތަނާއި ދަރު ނުލިބިގެން ގޭގައި ނުވަތަ ޖިފުޓީތަކުގައި އެތައް ދުވަހެއް ވަންދެން ހަށިތައް ބަހައްޓަންޖެހިފައި

އިންޑިއާގެ ނޫސްތައް ބުނާގޮތުން ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ގިނަކަމުން ހަށިތައް އަންދާ ތަންތަނުގެ ޖާގަތައް ފުރިފައިވާތާ އެތަށް ދުވަހެއް ވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިތައް އަންދާލަން ނުގެންދެވި މަރުވާ މީހުންގެ ހަށިތައްވަނީ އެމީހުން ދިރިއުޅޭ ގޭގައި ނުވަތަ ޖިފުޓީ ތަކުގައި ދެ ދުވަސް އަދި ތިން ދުވަސްވަންދެން ބަހައްޓަން ޖެހިފަ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިތައް ކުނިވެ ކުނިވަސްދުވާ ހިސާބަށް ވެސް ބައެއް ފަގީރު އަވަށްތަކުގައި ވަނީ ކަންތައް ގޮސްފަ އެވެ.

އާންމުން ބުނާ ގޮތުން ހަށިތައް އަންދާނެ ތަންތަން ނެތިގެން ކާރު ޕާކުކުރާ ސަހަރައްދުތަކާއި އާންމު ޕާކުތަކާއި ދަނޑުތަކުގައާއި މަގުތަކުގެ އެއްފަރާތުގައި ވެސް މީހުންގެ ހަށިތައް އެންދުމުގެ ވަގުތީ ތަންތައް ހަދައި މީހުން އެންދުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

އިންޑިޔާގައި ކޮވިޑް-19ގެ ވަބާ ކޮންޓްރޯލުން ނައްޓާފައި މިވަނީ އެގައުމުން ކޮވިޑްްގެ އައު ވޭރިއަންޓެއް ވެސް ފެނިފައި ވަނިކޮށެވެ. މި ސަބަބުތަކާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އިންޑިއާ އާ ދަތުރުފަތުރުގެ ގުޅުންތައް ކަނޑާލާފަ އެވެ. (އިންޑިއާގެ މީޑިއާ)