24 Apr 2021, 14:40
ކ. ދިއްފުށީ ފަޅުތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ދިއްފުށީ ފަޅުތެރޭ މީހަކު މަރުވެފައިވަ ކަމުގެ ރިޕޯޓު މިއަދު މެންދުރު 1:15 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.
އޭނާގެ ހަށިގަނޑު ދިއްފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންތައް ފުލުހުން ދަނީ ބަލަމުންނެވެ.
ދިއްފުށީ މޫދުގައި އިންޑިއާ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު އެރަށަކީ ގިނަ އަދަދެއްގެ ގެސްޓުހައުސް ހިންގާ ރަށެކެވެ. ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި އިންޑިއާގެ ޓޫރިސްޓުން ގިނަ އަދަދަކަށް ތިބި އިރު އެ ގައުމުގައި ހަލުވި ކަމާއެކު ދަނީ ކޮވިޑު ފެތުރެމުންނެވެ.
އިންޑިއާގެ ރައްޔިތުންގެ ތެރެއިން ބޭރު ގައުމުތަކުގައި ދިރިއުޅޭ ނުވަތަ މަސައްކަތް ކުރާ ގިނަ ބަޔަކު އެމީހުން މަސައްކަތް ކުރާ ގައުމަށް އެނބުރި ދިޔުމުގެ ކުރިން 14 ދުވަހުގެ "ކަރަންޓީނެއް" ރާއްޖޭގައި ފުރިހަމަ ކުރާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެގޮތުންް އެފަދަ މީހުންނަށް ހާއްސަ ޕެކޭޖުތައް ގެސްޓްހައުސް ތަކުންވެސް ވިއްކާ ކަމަށް ބުނާ އިޝްތިހާރުތައްވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެެ.