ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕާކިން ސިސްޓަމުތައް ބޭނުން ނުކުރެވި އޮތީ، އެތަންތަން ގާއިމު ކުރުމަށް ހަވާލު ކުރި ކޮންޓްރެކްޓަރު، އެ ސިސްޓަމުތައް އެޗްޑީސީ އާ ހަވާލުކޮށްފައި ނުވާތީ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލު އަހުމަދު ވިދާޅުވީ މިހާރު ހަދާފައި ހުރި ޕާކިން ސިސްޓަމުތައް ބޭނުން ނުކުރެވި އޮތީ ކޮންޓްރެކްޓަރަށް ދައްކަން ޖެހޭ ފައިސާތަކެއް ހުރުމާ ގުޅިގެން ތަން ހަވާލު ނުކުރާތީ ކަމަށެވެ.

"ކޮންޓްރެކްޓާ އަދި ހޭންޑް އޯވާ އެއް ނުކުރޭ ކޮންޓްރެކްޓާގެ ބައެއް ކަހަލަ އައުޓް ސްޓޭންޑިން ބިލްތަކެއް ހުރީމާ. ހޭންޑް އޯވާ ކުރީމާ އަޅުގަނޑުމެން އެތަންތަން ހުޅުވާލާނަން،" ސުހައިލު ވިދާޅުވި އެވެ.

ހުޅުމާލޭގައި ކާރާއި ކުދި ޕިކަޕު ޕާކު ކުރަން ހާއްސަ ވާޓިކަލް ޕާކިން ސިސްޓަމުތަކެއް ބެހެއްޓުމުގެ މަސައްކަތް ފެށީ 2018 ވަަނަ އަހަރު އެވެ. އޭރު އެޗްޑީސީ އިން ބުނީ މަހެއް ނުވަތަ ދޮޅުމަހެއް ތެރޭ އެ ތަންތަން ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

އެތަންތައް ބޭނުން ނުކޮށް ގިނަ ދުވެސްވެފައިވާއިރު ޕަކިން ސިސްޓަމުތައް މިހާރު ހުރީ ދަބަރު ޖަހަން ފަށައި ހަލާކުވާން ފަށައިފައެވެ.

ސުހައިލު ރޭ ވިދާޅުވީ ހުޅުމާލޭގައި ހަ ބުރީގެ ޕާކިން ބިލްޑިން އެއް ކޮމާޝަލް ޖާގަ އާއެކު ހަދަން ނިންމާފައިވާ ކަމަށާއި އެ ޕްރޮޖެކްޓު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

މާލެ އާއި ހުޅުމާލެ އާއި ގުޅާލުމުން މާލޭގައި އޮތް ޕާކިން މައްސަލަ ހުޅުމާލެ އަސް ވެސް ހިނގައްޖެ ކަމަށާއި ބްރިޖާއެކު ދިރިއުޅުމުގެ ފަސޭހައަކަށް ގިނަ ބަޔަކު ސައިކަލާއި ހަތަރު ފުރޮޅުވީ ވެހިކަލް ހޯދަމުންދާއިރު އެ އެއްޗެހި ޕާކު ކުރާނެެ ޖާގައިގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ސުހައިލު ވިދާޅުވި އެވެ.

"ހުޅުމާލެ އަކީ ޕްލޭންޑް ސިޓީ އެއް ނަމަވެސް ލިމިޓޭޝަންސް ހުންނާނެ ލިމިޓޭޝަންސް އަށް ވުރެ ގިނަވާތީ އެ މައްސަލަ އެބަ އާދޭ. އެ ކަން ހައްކު ކުރެވެނެ ގޮތްތައް ބަލަމުން މިދަނީ،،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ގިނަ މަގުތައް ޑިޒައިން ކޮށްފައި ހުންނަނީ މަގުމައްޗަށް ވާގޮތަށް ޕާކުކުރާ ގޮތަކަށް ނޫނެވެ. ނަމަވެސް ވެހިކަލް ގިނަވެ މަގުމައްޗަށް ވާގޮތަށް އުޅަނދު ޕާކު ކުރަން ފަށާފައިވާއިރު މަގުމަތީގައި ދުއްވާ އުޅަނދުތަކަށް ބައެއްފަހަރު ދަތިތައް ކުރިމަތިވެއެވެ.