09 Feb 2012, 11:19
މޮސްކޯ (ފެބްރުއަރީ 9): އެމެރިކާއިން އީރާނަށް އިސްވެ ޙަމަލާދީފިނަމަ ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެމެރިކާގެ މަސްލަޙަތުތަކަށް ޙަމަލާދޭނެ ކަމަށް އީރާން ބުނެފިއެވެ.
ރަޝިޔާގައި ހުންނަވާ އީރާނުގެ ސަފީރު މަހްމޫދު ރިޒާ ސަޖާދީ އެމެރިކާއަށް އިންޒާރު ދެއްވަމުން ވިދާޅުވީ އެމެރިކާގެ ކޮންމެ ޙަމަލާއަކަށް ރައްދުދީ ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާގެ މަސްލަޙަތުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ޤާބިލްކަން އީރާނަށް ލިބިފައިވާ ކަމަށާއި އެމެރިކާގެ ގައިގާ ޖެހުމުން އެންމެ ތަދުވާނެތަން އީރާނަށް އެނގޭކަމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސަޖާދީ ވިދާޅުވީ އެމެރިކާވެސް އަދި އިސްރާއީލުވެސް އީރާނަށް އިސްވެ ޙަމަލާދީފިނަމަ އެކަން އެދެޤައުމުން ހަދާ އެންމެ ބޮޑުގޯހަށް ވެގެންދާނެ ކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އީރާނަށް އިސްވެ ޙަމަލާދޭ ކޮންމެ ޤައުމަކުން އެކޮންނަނީ އެޤައުމެއްގެ އަމިއްލަ ކަށްވަޅުކަމަށް ސަޖާދީ ވިދާޅުވިއެވެ. އެމެރިކާ ނޫނީ އިސްރާއީލުން ދޭ ހަމަލާއެއްގައި ސަޢޫދީ އަރަބިޔާފަދަ ގަލްފުގެ ޤައުމަކުން އެޤައުމުގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ދީފާނެކަމަށް އީރާން ދެކޭތޯ ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ސަޖާދީ ވިދާޅުވީ ސަޢޫދީ އަރަބިޔާފަދަ ގަލްފުގެ ޤައުމަކުން އެފަދަ ޢުދުވާނީ ޢަމަލެއް އީރާނާދެކޮޅަށް ހިންގަފާނެކަމަށް ނުބެލެވޭ ކަމުގައެވެ.
އެއަށްވުރެ އެޤައުމުތަކާ އީރާނުގެ ގުޅުންތައް މާބޮޑަށް ބަދަހިވާނެ ކަމަށްވެސް ސަޖާދީ ވިދާޅުވިއެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާއާއި އިސްރާއީލު ގެންދަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދީ އެތަންތަން ހަލާކޮށްފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ. ނަމަވެސް އީރާނަށް ހަމަލާދޭނެކަމަށްބުނެ އިންޒާރުތައް ދެމުން ގެންދާތާ އަށެއްކަ އަހަރު ވީއިރުވެސް މިކަން ކުރަން މިދެޤައުމަށް ކެރިފައެއް ނުވެއެވެ. އެހެންކަމުން އީރާނަށް ޙަމަލާދިނުމަށް މިދެ ޤައުމުން ފަސްޖެހޭކަމަށް ތަޖްރިބާކާރުން ދެކެއެވެ. -- އަލްޖަޒީރާ