ކާމިޔާބު އެކްޓަރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ރާދޭ ޔުއާ މޯސްޓް ވޯންޓެޑް ބާއީ"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މި ޓްރެއިލާގައި ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދިޔަ އެވެ. ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާ އެކު އާންމުންގެ ގިނަ ބަޔަކު ޓްރެއިލާއަށް ތައުރީފްކުރަމުން އަންނައިރު މި ފިލްމު ބަލަން ކެތްމަދުވަފައި ތިބި ކަމަށް ވެސް ބުންޏެވެ.

މި ފިލްމަކީ މިދިޔަ އަހަރުގ އީދުގައި ސްކްރީންކުރުމަށް ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށް ސިނަމާތައް ވެސް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމާއެކު ފިލްމު އެޅުވޭނެ ގޮތް ބަންދުވީ އެވެ. މިހާރު މި ފިލްމު އަޅުވަން ތާވަލް ކުރީ މިއަހަރުގެ ފިތުރު އީދު ދުވަހުގަ އެވެ.

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ދިޝާ ޕާޓްނީ އަންހެން ލީޑު ރޯލު ކުޅޭ މި ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ސަލްމާން އާއި ދިޝާ މީގެ ކުރިން "ބާރަތު"ގައި އެކުގައި ފެނިގެން ދިޔައިރު އެ ދެ ފަންނާނުންނާ އެކު "ރާދޭ"ގައި ދެން ފެންނާނީ ރަންދީފް ހޫޖާ އާއި ޖެކީޝްރޯފް އަދި ގޯވިންދް އެވެ.