24 Apr 2021, 12:37
ކީރިތި ގުރުއާނަކީ އިބްރަތުން ފުރިގެންގެންވީ އެތަށް ވާހަކަތަކާއި ހަގީގީ ހަދިސާތަކާއި ދުނިޔަވީ ފިލާވަޅުތައް އަހަރެމެންނަށް އަންގައިދޭ މާތްﷲގެ ކަލާމްފުޅެވެ. އިސްވެދިޔަ އުންމަތްތަކުގެ ވާހަކަތަކުގެ ތެރެއިން މިއަދު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ކިޔައިދެއްވަނީ ލޫތުގެފާނުގެ ގައުމުގެ މީހުންގެ ވާހަކައެވެ.
ލޫތުގެފާނުގެ ގައުމުގެ މީހުންގެ މެދުގައިވަނީ ފާހިޝް އެތަށް އަމަލެއް އާންމުވެފައެވެ. އޭގެތެރެއިން ވެސް އެންމެ ނުބައި އެއް އަމަލަކީ އެމީހުންގެ މެދުގައި އާންމުވެފައިވީ އެއް ޖިންސުން ގުޅުން ހިންގުމެވެ. އެ އަމަލަކީ އޭގެ ކުރިން އިންސާނީ އުންމަތް ދެކިފައިނުވާ އަދި އިންސާނީ ތަބީއަތާއިވެސް މުޅިން ޚިލާފު އަމަލުތަކެކެވެ. އަޚްލާގީ އަދި އިންސާނީ ފިތުރަތާއި ވެސް މުޅިން ޚިލާފު މި ނުރައްކާތެރި ވިޔާނުދާ އަމަލު އެންމެ ފުރަތަމަވެސް ދުނިޔޭގައި ހިންގި ބައެއްކަމަށް ގުރުއާނުގައިވަނީ ލޫތުގެފަނުގެ ގައުމުގެ މީހުންނެވެ.
އެންމެ ފަހުން އެގައުމަށް ﷲ ކޯފާ ފޮނުއްވުމަށްޓަކައި މަލާޢިކަތުން ފޮނުއްވިއެވެ. އަދި މަލާއިކަތުން ފޮނުއްވެވީ ރީތި ޒުވާން ފިރިހެން ސޫރައިގައެވެ. އެހިނދުގައިވެސް ލޫތުގެފާނުގެ ގައުމުގެ މީހުން މަލާއިކަތުންނަށް އެ ނުބައި ނިޔަތުގައި ދިމާކުރުމަށް މަސައްކަތްކުރަމުންދިޔައެވެ. އެހެންނަމަވެސް ﷲގެ މަލާއިކަތުންނަކީ އެކަލާންގެ ހިމާޔަތުގެ ދަށުގައިވީ ބައެއްކަމުން އެ ނިޔަތުން އެ ރޮނގުގައި އެބައިމީހުންނަށް ގާތްވެސް ނުވެވުނެވެ.
އަދި އެ ގައުމުގެ މީހުންގެ ނުބައިކަމުން ﷲ އެގައުމަށް ކޯފާގެ ގޮތުގައި ހިލައިގެ ވާރޭ އޮއްސެވިއެވެ. އަދި އެވަރުން ފުއްދަވާ ނުލައްވާ އެ ރަށް ބަންޑުން ޖައްސަވާލެއްވިއެވެ. އެކަމުގެ އަސަރު އަދިއަދަށްދާންދެންވެސް މި ދުނިޔެމަތިން ފިލައިގެން ނުދެއެވެ.
މެދުއިރުމަތީގައި ފަލަސްތީނާއި ޖޯޑަންގެ ސަރަހައްދުގައިވާ 'ޑެޑް ސީ" ކަނޑަކީ ލޫތުގެފާނުގެ ގައުމުގެ މީހުން ބަންޑުން ޖައްސަވާލެއްވި ކަނޑުކަމަށް ތާރީޚު އިލްމުވެރިން ބުނެއެވެ.
މާތް ﷲ މި ދުނިޔެމަތީގައި އިންސާނާ ލައްވަވާފައިވަނީ ވަރަށް ސާފުތާހިރު ފިތުރަތެއްގެ މަތީގައެވެ. އެ ފިތުރަތާއި ޚިލާފަށް މަސައްކަތްކުރުމަކީ އަހަރެމެން ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެހެން އެކަން ކުރެވޭ ކޮންމެ ފަހަރަކީ އެކަމުގެ އުގޫބާތް ދުނިޔެމަތީގައާއި އަދި އުޚްރަވީ ހަޔާތުގައިވެސް ކުރިމަތިލާންޖެހޭނެ ކަމެއްކަން ޔަގީންކުރަން ޖެހެއެވެ.
"އަހަރެމެންގެ ފިތުރީ އަދި ޖީންސީ ގުޅުންތައްވެސް ވަކި ހަމައެއްގެ ތެރޭގައި ބެހެއްޓުމަށް އިސްލާމްދީން ވަނީ ބާރުއަޅާފައި. އެއީ ޝަރުއީ ހަމަތަކުގެ މަތިން އަންހެނަކާއި ފިރިހެނަކާއި ދެމެދުގައި އުފެދޭ ކައިވެންޏަކުން ޖިންސީ އުފާތައް ހޯދުން. އަންހެނަކާޢި ފިރިހެނެއް ކައިވެންޏަކުން ބޭރުން ހޯދާ މިފަދަ ކޮންމެ ޖިންސީ އުފަލާއި ލައްޒަތަކީ ކަނޑައެޅިގެން އިސްލާމްދީން ހަރާމްކުރައްވާފައިވާ ކަމެއް. އަދި އޭގެ ސަބަބުން ބަލިމަޑުކަން މެދުވެރި ނުވެނުދާނެކަމެއް،" ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.
ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެސް ވެއެވެ. ބައެއްގެ ތެރޭގައި ފާހިޝް އަމަލުތައް ފެތުރި ގިނަވެއްޖެ ކަމުގައިވާނަމަ އެބައެއްގެ ތެރެއަށް މާތް ﷲ އެކިކަހަލަ ވަބާތަކާއި ބަލިމަޑުކަން އާންމުކުރައްވަވާނެ އެވެ.
ދުނިޔެ ބަދަލުވަމުންމިދާ ދިއުމުގައި ފާހިޝްކަންތައްތައް ގިނަވުމުގެ ނަތީޖާގެ ތެރެއިން އަހަރެމެންނާއި އެކި ދުވަސްތައް މަތިން ކުރިމަތިވަމުންމިދާ ބަލިތައްވެސް މިދަނީ އިތުރުވަމުންނެވެ. މިއީ އަހަރެމެންގެ ތެރެއަށް ފެތުރެމުންމިދާ ނުބައި އަމަލުތަކަށް ހޭލާ ތިބެންޖެހޭނެ ކަމުގެ ވަރުގަދަ އިންޒާރުތަކެކެވެ. މިކަންކަމަށް ސަމާލުކަން ނުދޭނަމަ އަހަރެމެންގެ މުޅި އިންސާނީ ނަސްލުވެސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.