24 Apr 2021, 12:46
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިހާބު އަންނަ މެއި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެ އިންތިހާބާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އިންތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ދާއިރާތަކުގެ އިންތިހާބުގައި 455 މަގާމަށް މެންބަރުން އިންތިހާބު ކުރާނެ ކަމަށެވެ.
އެގޮތުން ދާއިރާތަކަށާއި ޕްރޮޮވިންސް އަދި ސިޓީތަކަށް މީހުން އިންތިހާބުކުރާނެ ކަމަށް އިންތި ވިދާޅުވިއެވެ.
"ދާއިރާތަކުގެ ރައީސުން މި އިންތިހާބުގައި ހޮވޭނެ. އަދި ދާއިރާތަކުގެ ނައިބު ރައީސުން ހޮވާނެ، ސެކްރެޓަރީންނާއި ސެކްރެޓަރީންގެ ނައިބުން އަދި މީޑިއާ ސެކްރެޓަރީންް ވެސް ހޮވާނެ. ޕްރޮވިންސް ތަކަށްވެސް ރައީސުން އަދި ނައިބު ރައީސުން ހޮވާނެ،" އިންތި ވިދާޅުވިއެވެ.
އެ އިންތިހާބުގެ ވޯޓުލުން މެއި 29 ވަނަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެ ކަމަށާއި ވޯޓުލާނީ އެދުވަހުގެ ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށް ކަމަށް އިންތި ވިދާޅުވިއެވެ.
އިންތިހާބުގައި ވޯޓުލެވޭނީ އިލެކްޝަންސް ކޮމިޝަނުގެެ ދަފްތަރަށް ނޫން ކަމަށައި ޕާޓީ އިން ބަލަހައްޓާ ދަފްތަރަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން 18 އޭޕްރީލްގެ ކުރިން އެމްޑީޕީގެ ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ވޯޓުގައި ބައިވެރިވެވޭނެ ކަމަށާއި މިއަދުން ފެށިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންތިހާބުގައި ދާއިރާ ރައީސަށް ކުރިމަތިލާ ފަރާތްތަކުން އެ ދާއިރާއެއްގެ އެމްޑީޕީ މެންބަރުންގެ ތެރެއިން އެ ކެންޑިޑޭޓަކަށް ތާއީދުކުރާ 50 މެންބަރުންގެ ސޮއި ހުށަހަޅަން ޖެހޭއިރު ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނަށް ކުރިމަތިލާ ފަރާތްތަކުން 200 ސޮއި ހުށަހަޅަން ޖެހޭނެ ކަމަށް އިންތި ވިދާޅުވި އެވެ.