އއ. މަތިވެރިން މިއަދު އެކަނި 63 މީހަކު ކޮވިޑު19 އަށް ޕޮޒިތިވް ވެފައިވާ ކަމަށް އެ ރަށު ހެލްތު ސެންޓަރުން ބުނެފިއެވެ.

މަތިވެރި ހެލްތު ސެންޓަރުން ބުނީ މިއަދު ޕޮޒިޓިވްވި މީހުންނާއެކު ޖުމްލަ 82 މީހަކު އެރަށުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މަތިވެރިން 10 މީހަކު ކޮވިޑަށް ޕޮޒިޓުވްވެ އެ ރަށް މޮނީޓަރިން އަށް ލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ހެދި ބަޔެއް ކަމަށް ހެލްތު ސެންޓަރުން ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ބަޔަކު މަތިވެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެރަށަށް ބަލި ދިޔަ ގޮތެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. މިހާރުވެސް ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށް އެ ރަށު ހެލްތު ސެންޓަރުން ބުންޏެވެ.

މަތިވެރިންް ހދ. ހަނިމާދޫ އަށް ދަތުރުކުރި ތިން މައިންގެ ތެރެއިން މަންމަ އާއި އެއް ދަރިއަކު ޕޮޒިޓިވްވެ ހަނިމާދޫ ވެސް އޮތީ މޮނީޓަރިންގަ އެވެ.

ރާއްޖެއިން 27،084 މީހަކު ކޮވިޑު19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރަށްރަށުން ކޭސްތައް ފެނި ގިނަ ރަށްތަކެއް މިވަގުތުވެސް އޮތީ މޮނީޓަރިންގައެވެ.