މިދިޔަ ޑިސެމްބަރު މަހު މާލޭ މަގުމަތީގައި ހިނގާފައި ދިޔަ ދެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އިންޑިއާ މީހާއަށް އެ މައްސަލާގައި ދައުވާ ކުރެވޭވަރަށް ހެކި ނެތްކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

އެ މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ 54 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރު ކޮށްފަ އެވެ.

ހާދިސާގައި ޝިކާރައަކަށްވި އެކަކު ވަނީ އެ މައްސަލާގައި ފުލުހުން ނިންމި ގޮތުގެ ލިޔުން ޓްވިޓާގައި ހިއްސާކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ހެކިބަހަށް ފުރިހަމަ ބުރަދަނެއް ދެވެން ނެތުމާއި، ވީޑިއޯ ފުޓޭޖުން ފެންނަ މީހާގެ ސިފަތައް އަޅާ ކިޔޭވަރަށްވުރެ ނުސާފުކަމުން ދައުވާ ކުރެވެން ނެތް ކަމަށެވެ. އަދި މައްސަލާގައި އިތުރު ގަރީނާ ލިބިފައި ނުވާތީ، އެ މައްސަލާގައި ދައުވާކޮށް ކުށް ސާބިތުވާނެ ކަމަށް ނުފެންނާތީ ޕީޖީ އިން މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާފައިވާ ކަމަށް ފުލުހުންވަނީ ބުނެފަ އެވެ.

އެ މައްސަލާގައި އިތުރު މައުލޫމާތު ލިބުމުން މައްސަލަ އަލުން ކުރިއަށް ގެންދާގޮތަށް ނިންމާ މައްސަލަ ފައިލުކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.