23 Apr 2021, 12:45
ދީނުން ފިލާވަޅެއްގައި މީގެކުރިންވެސް ވާނީ ނޫހުގެފާނުގެ ހަޔާތްޕުޅުގެ ވާހަކައެއް ގެނެސްދެވިފައެވެ. އެހެންނަމަވެސް މިއަދުގެ އެޕިސޯޑު ހާއްސަކުރެވިފައިވަނީ މައިންބަފައިންނާއި ދަރިންނަށެވެ. ހެޔޮމަގަށް ގޮވާލުމުގައި މައިންބަފައިން ދެމިތިބެންވީގޮތާއި، އަދި އެ ނަސޭހަތް ގަބޫލުނުކުރުމުގެ ނަތީޖާއެވެ.
ނޫހުގެފާނަކީ މާތްﷲގެ ރަސޫލެއްގެ ގޮތުގައި 950 އަހަރުވަންދެން ދެމިހުންނެވި އެކަލާންގެ ރަސޫލެކެވެ. އެކަލޭގެފާނު ކެނޑިނޭޅި މަސައްކަތްކުރެއްވީ މީސްތަކުންނަށް ﷲގެ ރިސާލަތަށް ދައުވަތުދީ ހިދާޔަތުގެ އަލިމަގު ދެއްކެވުމެވެ. އެހެންނަމަވެސް އެކަލޭގެފާނަށް އީމާންވީ ވަރަށް މަދު ބައެކެވެ.
"އަހަރެމެންނަށް ބައެއްފަހަރު އިބިލީސް ވަސްވާސްދޭ ގިނަ ބަޔަކު އުޅޭނީ ރަނގަޅަކަށް ނޫންހޭ. އެކަމަކު އެއީ ތެދެއް ނޫން. ގިނަ ބަޔަކު ރަނގަޅު ގޮތުގައި އުޅުމަކީ ލާޒިމެއްވެސް ނޫން،" ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.
އެންމެފަހުން އެކަލޭގެފާނަށް އީމާންވި މަދު މީސްކޮޅާއިއެކު އެ ރަށް ދޫކުރައްވާ ވަޑައިގަތުމަށް އަމުރުކުރެއްވިއެވެ. އަދި އެ ރަށަށް ބޮޑު ތޫފާނެއް އަންނަ އުޅޭކަމުގެ ބިރުވެރި ޚަބަރުވެސް ދެއްވިއެވެ.
އަދި އެ ޚަބަރާއެކު އެކަލޭގެފަނު އޮޑިއެއް ބެންނެވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެހެންނަމަވެސް އެ މަސައްކަތްޕުޅުވެސް ވީ އެތަށް ބައެއްގެ މަލާމާތާއި ފުރައްސާރަ ރައްދުވި ކަމަކަށެވެ.

"އަދި އެ އޮޑިކޮޅު ބެންނެވުމަށް ފަހުގައި އެ ވަގުތު ބިމުގެ އަޑިންވެސް ވެސް ފެން އަރައިގެން އައީ. އުޑުންވެސް ﷲ ސުބުހާނަހޫ ވަތައާލާ ވާރޭ ވެއްސެވީ. ނަތީޖާއެއްގެ ގޮތުން ބޮޑު ތޫފާނެއް އުފެދިގެން ގޮސް އެ އޮޑީގެ ތެރޭގައި ތިބި ބަޔަކަށް މެނުވީ ސަލާމަތެއް ނުވެވުނު"
އެންމެ ފަހުން ނޫހުގެފާނުގެ ކުރިފުޅުމަތީގައި އެކަލޭގެފާނުގެ ދަރިކަލުން ޣަރަގުވަމުންދާ މަންޒަރު ފެނިވަޑައިގެން އެ އޮޑިކޮޅަށް އެރުމަށް އާދޭސް ދެންނެވިއެވެ. އެހެންނަމަވެސް ދަރިފުޅުގެ ޖަވާބަކަށްވީ އަހުރެން ފަރުބަދަތަކަށް އަރާ ސަމާލަތް ހޯދާނަމެވެ. ނަމަވެސް ސަލާމަތާއި ރައްކާތެރިކަންވީ ނޫހުގެފާނާއި އެކު އޮޑީގައިވި މީހުންނަށް އެކަންޏެވެ.
އިބްރަތާއި ޖަޒުބާތުން ފުރިގެންވީ މި ވާހަކައިން ލިބިދޭ ފިލާވަޅު ނިކަން މުހިންމެވެ. މައިންބަފައިން ކިތަންމެ މަސައްކަތެއް ކުރިއަސް، ދަރިން ހިދާޔަތުގެ މަގު ހޯދަން ނޫޅޭ ކަމުގައިވާނަމަ އެ ކަމުގައި ކާމިޔާބީއެއް ނުވާނެ އެވެ.