ބ. ހިތާދޫ ކައުންސިލް އިދާރާ އާއި ކޯޓް ވެސް ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ބަންދުކޮށްފި އެވެ.

ހިތާދޫ ކައުންސިލްގެ ރައީސް ޔޫސުފް ގާސިމް ވިދާޅުވީ މިއަދު ހެނދުނު ކައުންސިލް އިދާރާގައި މަސައްކަތް ކުރަމުންދަނިކޮށް ބަޔަކު ކައުންސިލް އިދާރާ ދޮށަށް ގޮސް އޮފީހުގެ މަސައްކަތް ނުކުރުމަށް ގޮވާލާފައިވާ ކަމަށެވެ.

އަދި މިހާރު ހިނގަމުންދާ ސަރުކާރަކީ ޣައިރު ގާނޫނީ ވެރިކަމެ ކަމަށް ބުނެ ކައުންސިލް އިދާރާ ތެރެއަށް ވަދެ ކައުންސިލް އިދާރާއިން މީހުން ނުކުތުމަށް ބުނި ކަމަށެވެ.

"އަޅުގަނޑުމެން އޮފީހުގައި މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ކައުންސިލް އިދާރާ ތެރެއަށް ވަދެ އޮފީހުގެ މަސައްކަތް ނުކުރުމަށް ބަޔަކު ގޮވާލީ. އަދި އަޅުގަނޑުމެން ހުރިހާ މުވައްޒަފުންނާ އެއްކޮން ނުކުތީ. އެއްވި މީހުން ބުނަމުންދަނީ މިހާރު މި ގައުމުގައި ހިނގަމުންދަނީ ޣައިރު ގާނޫނީ ވެރިކަމެއް ކަމަށާއި ކައުންސިލްގެ މަސައްކަތްތައް ކުރަންވެސް ޖެހޭނީ ސިފައިންނާއި ފުލުހުން ކަމަށް" ޔޫސުފް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލް ޖުމްހޫރިއްޔާ ކަމާއި ހަވާލުވެ ވަޑައިގެން ފަހުން މާލޭއާ ރާއްޖެތެރޭގައި ވަނީ ބޮޑު ހަލަ ބޮލި ކަމެއްގެ ތެރެއަށް އައިސްފަ އެވެ. އަދި ރަށް ރަށުގެ ކައުންސިލް އިދާރާތަކާއި ޕޮލިސް ސްޓޭޝަންތަކަށް އާންމުން ނިކުމެ ދަނީ ގެއްލުންތައް ދެމުންނެވެ.