ޓެލްއަވީވް (ފެބްރުއަރީ9) : މީދަލާކުރިމަތިލުމުގައި ނުކުޅެދިއްޖެކަމަށް އިސްރާއީލު ސިފައިން ހާމަކޮށްފިއެވެ.

އިސްރާއީލު ސިފައިން ނެރުނު ބަޔާނެއް ބުނިގޮތުގައި އިސްރާއީލުގެ ދެކުނުގައިވާ ބިއްރުއްސަބްޢު ޢަސްކަރީ ބޭހަށް މީގެ ފަސް މަސްކުރިން ފެށިގެން ހަމަލާދެމުން ގެންދާ މީދަލުގެ ބޮޑެތި ބައިގަނޑުތަކާ ހަނގުރާމަކުރަމުން ގެންދާތާ އެތަކެއް މަސްވެފައިވީއިރުވެސް މީދާތައް އެއްކޮށް މަރާލައި އޭގެ އުނދަނގުލުން އެ ޢަސްކަރީ ބޭސް ސަލާމަތް ކުރެވިފައެއް ނުވެއެވެ.

މީދާތައް މަރަމުން ގެންދާވަރަކަށް މީދާތައް އަލުން އިތުވެ އެސޮރުމެންގެ ބަދަލުހިފުންތައް އިތުރުވަމުންދާ ކަމަށްވެސް އިސްރާއީލު ސިފައިންގެ މިބަޔާން ބުނެއެވެ. ބިއްރުއްސަބްޢު ޢަސްކަރީ ބޭހަކީ ފަލަސްތީނުގެ ބިންތައް ގަދާބާރުން ހިފުމަށްފަހު އެތާނގައި ޤާއިމްކޮށްފައިވާ ޢަސްކަރީ ބޭހެކެވެ. އެބޭހުގައި ގިނައިން މަސައްކަތްކުރަނީ އިސްރާއީލު ސިފައިންގެ ތެރޭގައި ހިމެނޭ އަންހެން ސިފައިންނެވެ.

މީދާތައް އެމަރުކަޒުގެ އެތަށްމިތަނަށް ގަދަކޮށް އެތާނގެ ބިމުގައި ހަރުތައްހަދައި އެބޭހުގައި ޚިދްމަތްކުރާ ސިފައިންނަށް ޙަމަލާދީ ދަތްއަޅައި ގޯނާކޮށް ހަދަމުންގެންދާއިރު މީދަލުގެ ސަބަބުން އަނިޔާލިބިގެން އެތަށް ސިފައިންނަކަށް ހޮސްޕިޓަލްތަކުން ފަރުވާދީފައިވާކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔަދިއޯތު އަހްރަނޯތު" ބުނެއެވެ.

ބިއްރުއްސަބްޢު ޢަސްކަރީ ބޭހުގައި މަސައްކަތްކުރާ އިސްރާއީލުގެ އަންހެން ސިފައިންގެ މީހަކު ބުނިގޮތުގައި މިދާމެރުމަށްޓަކައިވަނީ ވިހަގޭސްތަކާއި ވިހަކާނާތަކާއި އިލެކްޓްރިކް މެޝިންތަކާއި މިހެންގޮސް މިދާފަދަ ތަކެތި މެރުމަށް ބޭނުންކުރާ ޒަމާނީ ގިނަ އާލާތްތަކާއި ވަސީލަތްތައް ބޭނުންކޮށްފައެވެ. މިތަކެތި ބޭނުންކޮށްގެން މީދަލާ ހަނގުރާމަކުރަތާ އެތަށްމަހެއް ވީއިރުވެސް މީދާކޮންޓްރޯލް ނުވާކަމަށް އެބޭހުގައި މަސައްކަތްކުރާ އިސްރާއީލު ސިފައިންގެ ބައެއް އަންހެނުންނާއި ފިރިހެނުން ބުނެއެވެ.

މީދަލުގެ އުނދަގުލާހެދި ކާބޯތަކެތިވެސް ރައްކާކޮށްގެން ނުގެންގުޅޭވޭ ކަމަށާއި މީގެއިތުރުން މީދާތައް، އެބޭހުގެ އެކި ޢިމާރާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ތަކެއްޗާއި ފަރުނީޗަރުފަދަ ލަކުޑީގެ ތަކެތިވެސް ކައި ދުންކާލިކުރަމުން ގެންދާކަމަށް ޚަބަރު ލިބެއެވެ. -- ނޫސްއެޖެންސީތައް