މިއަދު ހިންގި ހަމަނުޖެހުންތަކުގައި އަތޮޅުތަކުގައި ހުންނަ ފުލުހުންގެ ބައެއް ސްޓޭޝަންތަކަށް ގެއްލުން ދިނުމުގެ އިތުރުން ބޮޑެތި ބައެއް ކުށްވެރިން ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ އާއި އަތޮޅު ތެރޭގައި މިއަދު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ލިބިފައި ހުރި ގެއްލުންތަކުގެ ތަފުސީލުތައް ހާމަ ކުރަމުން ފުލުހުން ބުނީ އެމްޑީޕީން މާލެ އާއި އަތޮޅުތަކުގައި ހިންގަންފެށި މުޒާހަރާގައި މާލެ އާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކަށް ބޮޑެތި ގެއްލުންދީ ބައެއް ރަށްރަށުން ފުލުހުންގެ ޚިދުމަތް މެދުކަނޑާލައި ފުލުހުންނަށް ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށެވެ. އަދި ބައެއް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖަހައި އަނެއްބައި ރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް ތަޅައި އެތަންތަނުގައި ތިބި ނުރައްކާތެރި ކުށްވެރިން ދޫކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި މެޖިސްޓްރޭޓް ކޯޓާއި އަތޮޅު ކައުންސިލް އިދާރާގައި ރޯކޮށްލާފައިވާ އިރު ފުލުހުން ބޭނުން ކުރާ ހުރިހާ ވެހިކަލްތަކުގައި ވެސް ވަނީ ހުޅުޖަހާފައި ކަމަށެވެ.

އަދި ތިނަދޫގައި ތިބި ފުލުހުންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ އިރު ހަތް ފުލުހަކަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް މިހާރު ވެސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ނުކުމެ ފުލުހުން ތިބޭ ގޭގެ ބަލައި، އެފަދަ ތަންތަނަށް ވެސް ހަމަލާދީ ގެއްލުން ދޭނެ ކަމަށް އަންގާފައި ވާތީ އަދި ފުލުހުންނަށް ރައްކާތެރިކަމާ އެކު އެ ރަށުގައި ތިބެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އަތޮޅު ފަރެސް މާތޮޑާގައި ވެސް އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަން ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ތިބީ އެމީހުންގެ ގެތަކުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އަދި ބުނީ އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ނުކުމެ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ގަން ޕޮލިސް ސްޓޭޝަނުގެ އިތުރުން އައްޑޫ ޕޮލިސް ޓްރޭނިން ސްކޫލުގައި ހުޅުޖަހައި އެތަންތަނުގައި ހުރި ހުރިހާ ވެހިކަލްތަކާއި ޢިމާރާތްތައް އަންދާލާފައިވާ ކަމަށެވެ. އަދި އެތަންތަނުގައި މަސައްކަތްކުރާ ފުލުހުން ތިބީ ރަށްރަށުގެ އެކިއެކި ތަންތަނުގައި ފުލުހުންނަށް ވަނީ އެކިވަރުގެ ބޮޑެތި އަނިޔާތައް ލިބިފައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެތަންތަނުގައި ތިބި ބޮޑެތި ކުށްވެރިން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ރ. ދުވާފަރުގައި ވެސް އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަންތެރެއަށް ވަދެ ޕޮލިސް ސްޓޭޝަންގެ ޚިދުމަތް ދިނުން ހުއްޓުވާލައި ޕޮލިސް ސްޓޭޝަން ބަންދުކޮށްފައިވާ އިރު ފުލުހުން ތިބީ ސްޓޭޝަން ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. އަދި ހަމަ އެ އަތޮޅު އަލިފުށީގައި ވެސް އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަންތެރެ އަށް ވަދެ ޕޮލިސް ސްޓޭޝަންގެ ޚިދުމަތް ދިނުން ގަދަކަމުން ހުއްޓުވާލައި ޕޮލިސް ސްޓޭޝަން މިހާރު ވަނީ ބަންދުކޮށްފައިވާ އިރު ފުލުހުން ތިބީ ސްޓޭޝަން ތެރޭގައި ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ށ. މިލަންދޫ ޕޮލިސް ސްޓޭޝަން ތެރެ އަށް ވަދެ ޕޮލިސް ސްޓޭޝަންގެ ޚިދުމަތް ދިނުން ގަދަކަމުން ހުއްޓުވާލައި ޕޮލިސް ސްޓޭޝަން މިހާރު ބަންދުކޮށްފައިވާ އިރު ފުލުހުން ބޭނުން ކުރަމުންދާ ވެހިކަލް އާއި ދެ ސައިކަލެއްގައި ރޯ ކޮށްލާފައި ކަމަށެވެ. އަދި ފުލުހުންނަށް އަނިޔާކޮށް ގެއްލުން ދޭނެ ކަމަށް ބުނުމުން އެރަށުގައި ތިބި ހުރިހާ ފުލުހުން މިހާރު ވަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.
އެމްޑީޕީ އަށް ތާއީދު ކުރާ ބަޔަކު ނުކުމެ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ވަންނަން ދިމާ ކުރުމުން ފުލުހުން ހުރަސް އެޅުމުން އެ ސްޓޭޝަންގެ ތެރެއަށް ގާއުކައި ބިއްލޫރިތައް ތަޅާލައި ފުލުހުންނަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިއަދުގެ ހަމަނުޖެހުންތަކުގައި ހއ. ދިއްދޫގައި ވެސް އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަންތެރެއަށް ވަދެ ޕޮލިސް ސްޓޭޝަންގެ ޚިދުމަތް ދިނުން ގަދަކަމުން ހުއްޓުވާލައި ޕޮލިސް ސްޓޭޝަން ބަންދުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ތިބީ ރަށުގެ އެކި ތަންތަނާއި ކައިރި ރަށްރަށުގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެތަނުގައި ތިބި ބޮޑެތި ކުށްވެރިން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ޕޮލިސް ސްޓޭޝަންތަކަށް ޙަމަލާދެމުންދާ އިރު ގިނަ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކަކީ ރައްޔިތުންގެ ތަންތަނަށް ވާތީ އެތަންތަނަށް ލިބޭ ގެއްލުން މަރާމާތުކުރަން ޖެހޭނީ ރައްޔިތުންނަށް ކަމަށް ވާތީ އެފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެ.