އިސްލާމްއާބާދު (އޭޕްރިލް 22): ޕާކިސްތާނުގެ ލަގްޒަރީ ހޮޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި ހަތަރު މީހަކު މަރުވެ، 12 މީހަކަށް އަނިޔާވެއްޖެ އެވެ.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ޝޭހު ރަޝީދު އަހުމަދު ވިދާޅުވި ގޮތުގައި ކުއެޓާ ސިޓީގައި ހުންނަ ސެރީނާ ހޮޓަލަށް އެ ހަމަލާ ދިނީ ގޮވާތަކެތި ހަރުކޮށްފައިވާ ކާރެއް ގޮއްވާލައިގެންނެވެ. އަދި "ޓެރަރިޒަމްގެ އަމަލެއް'ގެ ގޮތުގައި ކަނޑައަޅާފައިވާ އެ ހަމަލާގައި ކާރު ގޮއްވާލީ ހޮޓެލުގައި އުޅަނދު ޕާކު ކުރަން ހާއްސަކޮށްފައިވާ ސަރަހައްދުގަ އެވެ.

މިނިސްޓަރު އަހުމަދު ވިދާޅުވި ގޮތުގައި އެއީ ޗައިނާގެ ސަފީރު ބޭނުން ކުރައްވާ ހޮޓެލް ނަމަވެސް ހަމަލާ ދިން ވަގުތު އޭނާ ހުންނެވީ ހޮޓެލުގައެއް ނޫނެވެ. އަދި ބަލޮޗިސްތާނުގެ ހޯމް މިނިސްޓަރު ޒިއާއުﷲ ލަންގޯ ވަނީ ސަފީރުގެ ހާލު ރަނގަޅު ކަމަށާއި އޭނާ ގައުމަށް ވަޑައިގަންވާނީ ކުރިން ވެސް ނިންމާފައި އޮތް ގޮތަށް، މިއަދު ކަމަށް ވިދާޅުވެފަ އެވެ.

އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ދެ ސެކިއުރިޓީ ގާޑުން ހިމެނެ އެވެ. އަދި ހޮޓެލުގައި ތިބި ގެސްޓުންގެ ހާލު ރަނގަޅު ކަމަށް އެގައުމުގެ މީޑިއާތަކުން ބުންޏެވެ.

ޕާކިސްތާނުގެ ތާލިބާން ޖަމާއަތް (ޓީޓީޕީ) އިން ވަނީ އެ ހަމަލާގެ ޒިންމާ ނަގާފަ އެވެ. އަދި އެއީ އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއް ކަމަށާއި އެއާ ބެހޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ބުނެފަ އެވެ.

އެ ހަމަލާގެ އަމާޒަކީ ޗައިނާގެ ސަފީރާއި އޭނާގެ ޑެލިގޭޝަން ކަމަށް އަދި ބުނެފައި ނުވި ނަމަވެސް ބަލޮޗިސްތާނުގައި މީގެ ކުރިން ޗައިނާގެ ރައްޔިތުންނާއި މަޝްރޫއުތަކަށް އަމާޒުކޮށް ހަނގުރާމަވެރި ޖަމާއަތްތަކުން ހަމަލާ ދީފައިވެ އެވެ.