ކޮވިޑް19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ވައްތަރު ދެ ޑޯޒް ޖެހުނު މައްސަލައެއް ބަލަމުންދާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ދަރުބާރުގެ، އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ، މީހަކަށް ކޮވިޑުގެ ދެ ވައްތަރު ވެކްސިން ޖެހުނު މައްސަލައެއް ކުރިމަތިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެކަން ހިނގީ ކިހިނެތްތޯ މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެ މީހާގެ ސިއްހީ ހާލަތު ގާތުން ބަލަމުންދާ ކަމަށްވެސް ނާސިރު ވިދާޅުވި އެވެ. އެހެން ނަމަވެސް، އޭނާއަށް ސިއްހީ ގޮތުން އަދި މައްސަލަތަކެއް ކުރިމަތިވެފައިވާކަން އަދި ފާހަގަވެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މައްސަލައަކީ ބަލަމުންދާ މައްސަލައަކަށްވާތީވެ، އެކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް އެޗްއޯއީސީން ހާމައެއް ނުކުރެ އެވެ.

ނާސިރު އަދި ވިދާޅުވީ މިހާތަނަށް ދުނިޔޭގައި ކޮށްފައިވާ ދިރާސާތަކަށް ބަލާއިރު ކޮވިޑުގެ ދެ ވައްތަރު ވެކްސިނެއް ޖެހިގެން ސިއްހީ ގޮތުން މައްސަލަތަކެއް ދިމާވެފައިވާކަން ފާހަގަވެފައި ނުވާ ކަމަށެވެ. އަދި އެކަން ހިނގުމާ ގުޅިގެން ޑަބްލިއުއެޗްއޯއާ ވެސް މަޝްވަރާކޮށް އެ ފަރާތުގެ ލަފާވެސް ހޯދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިއްޔެ ހަވީރު އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެހާތަނަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް 285،000އަށްވުރެ ގިނަ މީހުންވަނީ ޖަހާފަ އެވެ. އަދި ދެވަނަ ޑޯޒް 56،000އަށްވުރެ ގިނަ މީހުން ޖަހާފައިވެ އެވެ.