22 Apr 2021, 15:03
އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮމްބަޑްސްޕާސަން އޮފީހުގެ ގިނަ ވަޒީފާތަކަކަށް ހުޅުވާލައިފި އެވެ.
މި މަހުގެ 18 ވަނަ ދުވަހު، އެ އޮފީހުގެ 13 މަގާމަކަށް މީހުން ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ފަސް އިންވެސްޓިގޭޝަން އޮފިސަރުންނާއި، ބިއުރޯ އޮފިސަރުންނާއި މީޑިއޭޝަން އޮފިސަރުން އަދި ކޭސް މެނޭޖްމަންޓް އޮފިސަރުން ވެސް ހިމެނެ އެވެ.
އޮފީހުގެ 13 މަގާމަކަށް މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފައި ވާއިރު، އެ މަގާމުތަކަށް ރަނގަޅު މުސާރަތަކެއް ވަނީ ކަނޑައަޅައިފަ އެވެ. ބައެއް މަގާމުތަކަށް މުސާރައާއި ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 20،000 އަށްވުރެ ބޮޑު އަދަދެއް ޖެހެ އެވެ.
މަގާމުތަކުގެ މުސާރައާއި ސާވިސް އެލަވަންސް:
އިންވެސްޓިގޭޝަން އޮފިސަރު: 15،500 + 6،500
އޮފީސްް އެސިސްޓަންޓް: 6500 + 3500
އެސިސްޓަންޓް ކޭސް މެނޭޖްމަންޓް އޮފިސަރު: 9,500 + 4500
ޓްރެއިނިންގ އޮފިސަރު: 15،000+ 6000
ފައިނޭންސް އޮފިސަރު: 15،000+ 6000
ޕަބްލިކް ރިލޭޝަންސް އޮފިސަރު: 15،000+ 6000
ބިއުރޯ އޮފިސަރު: 14،000+ 5500
މީޑިއޭޝަން އޮފިސަރު: 15،500+ 6500
ލީގަލް އޮފިސަރު: 15،500+ 6500
އެޑްމިނިސްޓްރޭޓިވް އޮފިސަރު: 10،700 + 5،500
ރިސާރޗް އޮފިސަރު: 15،500+ 6500
ވިކްޓިމް ސަޕޯޓް އޮފިސަރު: 15،500+ 6500
ކޭސް މެނޭޖްމަންޓް އޮފިސަރު: 11،000 + 5،500
އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 27 ވަނަ ދުވަހުގެ 14:00 އެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއުމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.
އޮމްބަޑްސްޕާސަން އޮފީހުން ބަލާ މައްސަލަތަކަކީ ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިފައިވާ ނަމަ އެކަން ބަލައި އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމެވެ. އެގޮތުން 1953 ޖަނަވަރީ އިން ނޮވެންބަރު 17، 2018 އާ ދެމެދު ހިނގާފައިވާ އެފަދަ މައްސަލަތައް އޮމްބަޑްސްޕާސަންގެ އޮފީހަށް ބެލޭނެ އެވެ.
އެ އޮފީހުގެ ވެރިންގެ މުސާރަތަކަށް ބަލާއިރު، ޗީފް އޮމްބަޑްސް ޕާސަންއަށް ޖުމްލަ މުސާރައިގެ ގޮތުގައި ގޮތަށް 37،500 ރުފިޔާ ލިބޭނެ އެވެ. އެވެ. އެއީ މުސާރައަށް 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 12،500 ރުފިޔާ އެވެ.
އޮމްބަޑްސްޕާސަންގެ ޖުމްލަ މުސާރަ އަކީ 33،500 ރުފިޔާ އެވެ. އެއީ މުސާރައަށް 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާއެވެ.
ޗީފް އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައިވާ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް ވަނީ މީގެކުރިން އޭނާގެ މުސާރަ ކުޑަވެގެން ޝަކުވާ ހުށަހަޅައިފަ އެވެ.