ޖަކާޓާ (އޭޕްރިލް 22): އިންޑޮނޭޝިއާގައި 53 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ކަނޑުގެ ސިފައިންގެ ސަބްމެރިންއެއް ގެއްލިއްޖެ އެވެ.

އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އިއްޔެ އެ ސަބްމެރިންއާ ގުޅުން ކެނޑުނީ ބާލީގެ އުތުރުގައި ޑްރިލްއެއް ކުރިއަށް ގެންދަނިކޮށެވެ. އެއީ ބާލީގެ އައްސޭރިފަށާ 60 މޭލު ދުރުންނެވެ.

"[ކަނޑުގެ ސިފައިން] ދަނީ ސަބްމެރިން ހޯދަމުން. އަޅުގަނޑުމެންނަށް އެ ސަރަހައްދު އެނގޭ ނަމަވެސް އެއީ ފުން ސަރަހައްދެއް،" ފަސްޓް އެޑްމިރަލް ޖޫލިއަސް ވިޑްޖޮޖޯނޯ އޭއެފްޕީއަށް މައުލޫމާތު ދެއްވި އެވެ.

އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޔޫޑޯ މަރުގޯނޯ ވިދާޅުވި ގޮތުގައި އެ ސަބްމެރިންގައި ހޮނިހިރު ދުވަހާ ހަމަޔަށް ބޭނުން ކުރެވޭ ވަރަށް އޮކްސިޖެން ހުންނާނެ އެވެ.

އެ ހާދިސާއާ ބެހޭ ގޮތުން އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިން ނެރެފައިވާ ވަގުތީ ރިޕޯޓެއްގައިވާ ގޮތުން އެ ސަބްމެރިންގައި ކަރަންޓު ކެނޑި، އުޅަނދު ކޮންޓްރޯލް ނުކުރެވުނީ ކަމަށާއި އެމާޖެންސީ ފިޔަވަޅުވެސް ނޭޅުނީ ކަމަށް ބެލެވެ އެވެ. އަދި ސަބްމެރިން އޮތް ކަމަށް ބެލެވޭ ސަރަހައްދުން ތެޔޮ ފެނުމުން ދޭހަވަނީ ތެޔޮ ޓޭންކަށް ގެއްލުންވެ، ޕްރެޝަރުގެ ސަބަބުން ފަޅައިގެން ދިޔައީ ކަމަށެވެ.

އެ ސަބްމެރިން ހޯދުމުގެ މަސައްކަތުގައި އެހީވުމަށް ސިންގަޕޫރާއި މެލޭޝިއާއިން އިންޑޮނޭޝިއާއަށް އަންނަ ހޮނިހިރު ދުވަހާއި ހޯމަ ދުވަހާ ދޭތެރޭ ބޯޓުތައް ފޮނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އޮސްޓްރޭލިއާ، އެމެރިކާ، ޖަރުމަނު، ފްރާންސް، ރަޝިއާ، އިންޑިއާ އަދި ތުރުކީންވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް އެގައުމުން ބުންޏެވެ.