ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ދުރުކުރަން ހަތިޔާރު ބޭނުންކޮށް ބިރު ދައްކައިގެން ސިފައިން އެއްވެސް އަމަލެއް ހިންގާފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް މާލޭ އޭރިޔާގެ ކޮމާންޑަރު ބްރިގޭޑިޔާ ޖެނެރަލް އިބުރާހިމް މުހައްމަދު ދީދީ މިރޭ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭރުގެ ބައެއް މީޑިޔާތަކަށް ދެއްވިކަމަށް ބުނާ އިންޓަވިއުއެއްގައި އެމަނިކުފާނު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ހަތިޔާރު ނަގާނެ ކަމަށް ބުނެ ހަތިޔާރު އެޅި ސިފައިންނާއި ފުލުހުން އެކަމަށް މަޖުބޫރު ކުރުމުން ކަމަށެވެ.

ނަމަވެސް އިބްރާހިމްދީދީ ނުސްވެރިންނަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ވެރިކަމުން ދުރުކުރުމަށް ހަތިޔާރުގެ ބޭނުންކޮށްގެން އެބޭފުޅުންގެ ތެރެއިން އެއްވެސް މީހަކު އަމުރު ނުކުރާ ކަމަށާއި ރައީސް ނަޝީދު ރާއްޖޭގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ފުޅަށް ކަމަށެވެ.

"އިއްޔެގެ ހާދިސާގައި އޮޕަރޭޝަން ކޮމާންޑަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރީ ވެސް އަޅުގަނޑު. އަޅުގަނޑު ދިވެހިރައްޔިތުންނަށް ދޭ ޔަގީންކަމަކީ އެމަނިކުފާނު ވެރިކަމުން ދުރުކުރުމަށް ހަތިޔާރުގެ ބޭނުންކޮށްގެން ދިވެހި ސިފައިންނަށް އެއްވެސް އަމަލެއް ނުހިންގަވާކަން،" ބްރިގޭޑިއާ ޖެނެރަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދަށް ސިފައިން ބިރުދެއްކި ކަމަށް ބުނެ ދައްކަވާ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި އެފަދަ ވާހަކައެއް ދައްކަވައިގެން އުޅޭ ބަޔަކު އެވާހަކަ ދައްކައިގެން އުޅެނީ ހަގީގަތާއި ހިލާފަށް ކަމަށާއި އަދި އެކަމާ ގުޅިގެން ކުރީގެ ރައީސަށް ބަޔަކު އަރުވާފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށެވެ

ދީދީ ވިދާޅުވީ އިއްޔެ ދިމާވި އެ ހާލަތުގައި ދިވެހި ސިފައިން މަސައްކަތްކުރީ އެންމެ ރަނގަޅަށް ކަމަށާއި ދިވެހި ސިފައިން އިއްޔެ އާއި ހަމައަށް ރައީސް ނަޝީދު އިސްތިއުފާ ދެއްވަންދެން އެމަނިކުފާނުގެ ސަރުކާރަށް ދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް އެންމެ ފުރިހަމައަށް ދިން ކަމަށެވެ. އަދި މިއަދު ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ދިވެހި ސިފައިން ވަރަށް އިހުލާސްތެރިކަމާއެކު ބަލަހައްޓަމުން ގެންދާނެކަމަށް ވެސް ވިދާޅުވި އެވެ.

އިއްޔެގެ ހާދިސާގައި ރައީސް މުހައްމަދު ނަޝީދު ފުލުހުންނާއި ދިމާލަށް ބަޑިޖެހުމަށް އަމުރުކުރިކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގީ ވާހަކަތަކެއް ނޫން ކަމަށާއި ލައިވް ވަޒަން ބޭނުންކޮށްގެން އާއްމުންނާއި އަދި ފުލުހުންނާއި ދިމާލަށް ބަޑިޖެހުމަށް ވިދާޅުވެފައި ނުވާކަމަށް ވެސް އިބުރާހިމް ދީދީ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ގާނޫނީ ވެރިކަމަށް ހުރަސް ްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރިމަތިކުރުމުގެ ފުރުސަތު ދިވެހި ސިފައިން ނުދޭނެ ކަމަށެވެ.