22 Apr 2021, 13:11
މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ދިރާގުގެ ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން "ނައުއެމްވީ"ގައި މި ފަހަރު ރޯދަ މަހާ ދިމާކޮށް އައު ފީޗާތަކެއް އިތުރުކޮށްފި އެވެ.
ދިރާގު ނައު އެމްވީގެ އެންމެ ހާއްސަ ކަމަކީ އެކި މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް އެއް އެޕްލިކޭޝަނުން ފަސޭހަކަމާއެކު ކޮށްލެވުމެވެ.
މިއަހަރުގެ ރޯދަމަހު ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުން ނައު އެޕަށް އިތުރުކޮށްފައި ވަނީ ދީނީ ކަންތައްތައް ފުރިހަމަ ކުރުމަށް ހާއްސަ ފީޗާތަކެކެވެ.
އެގޮތުން މިހާރު ނައު އެޕް މެދުވެރިކޮށް ކީރިތި ގުރުއާނާއި އޭގެ ދިވެހި ތަރުޖަމާ ކިޔާލެވޭނެ އެވެ. އަދި އިސްލާމިކް މިނިސްޓްރީއިން ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށް ފަހު ބާއްވާ ދަރުސް ޕްރޮގްރާމާ ބެހޭ މައުލޫމާތުތައް ކޮންމެ ދުވަހެއްގެ ހެނދުނު، އެ އެޕްގައި ޝާއިއު ކުރެ އެވެ. އެގޮތުން އެ ދުވަހެއްގެ މައުޟޫއާއި، ދަރުސް ބާއްވާ މިސްކިތާއި، ދަރުސްދެއްވާ ބޭފުޅުންގެ ނަން ހިމެނެ އެވެ.

ހަމައެއާ އެކު ނައު އެޕްގެ "ވީޑިއޯ" ބައިގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މުހިންމު އެކި އެކި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައް ވެސް ވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން މި ފަހަރުވެސް ނައުއެޕް މެދުވެރިކޮށް ފިތުރު ޒަކާތް ފަސޭހަކަމާ އެކު ދައްކާލެވޭނެ އެވެ. އަދި އެ އެޕް މެދުވެރިކޮށް ޒަކާތާއި އެކީ ސަދަގާތް ދައްކާ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ވެސް ފަސޭހަކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ވަނީ ނައު އެޕްގައި އެކުލަވާލާފައި އެވެ. ނައު އެޕްގެ "ޑޮނޭޝަންސް" ބައިން އެ އެޕާ ގުޅިފައިވާ ޖަމިއްޔާތައް ބަލާލެވޭނެ އެވެ.
މި އެޕްގައި ރޯދަ މަހަށް ހާއްސަ އެހެނިހެން ފީޗާތަކުގެ ތެރޭގައި ނަމާދު ގަޑިތައް ބަލައި، ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކް ކުރުން ފަދަ ފީޗާތައްތައް ހިމެނެ އެވެ. އަދި ހަމައެއާކު ރޯދަ ވީއްލަން ތައްޔާރުކުރާނެ މީރު ކާއެއްޗެހީގެ ރެސިޕީތަކާއި އެކި އެކި ރެސްޓޯރެންޓާއި ކެފޭތަކުގެ ރޯދަ ވީއްލުން މެނޫތައްވެސް ނައުއެޕްގައި ހިމެނެ އެވެ.
