09 Feb 2012, 00:07
ރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައެއް ރަށްރަށުގެ ކޯޓްތަކަށް ގެއްލުންދީ އަލިފާން ރޯ ކުރަމުންދާ ދިއުން ހުއްޓުވައި ކޯޓުތައް ރައްކާތެރިކޮށް ދިނުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސަލާމާތީ ބާރުތަކުގެ ކިބައިން އެދިވަޑައިގެންފި އެވެ.
އުއްތަމަ ފަނޑިޔާރުގެ އެދިވަޑައިގަތުމަށް ގައުމީ ދިފާއީ ބާރާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިރޭ ފޮނުއްވެވި ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބައެއް ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި ޝަރުއީ ކޯޓްތައް ހިންގަމުންދާ އިމާރާތްތަކަށް ގެއްލުންދީ ހުޅުޖަހައި ހަލާކު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޑިޕާޓްމަންޓްގެ ސިޓީގައި ބުނަނީ ޝަރުއީ ކޯޓްތައް ހިންގާ އިމާރާތްތަކަކީ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ވަރި ކައިވެނީގެ ރިކޯޑުތަކާއި އެތައް ބައެއްގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތަކުގެ ރެކޯޑްތަކާއި އެނޫންވެސް އެފަދަ މުހިންމު މައުލޫމާތުތައް ހިމެނޭ ލިޔެ ކިޔުންތައް ރައްކާ ކުރެވިފައިވާ ތަންތަން ކަމަށެވެ.
އަދި އެ ސިޓީގައި ބުނެފައި ވަނީ އެފަދަ ހާދިސާތަކުގައި ގެއްލިގެންދާ ބައެއް މައުލޫމާތުތަކަކީ އަލުން އަނބުރާ ހޯދޭނެ މައުލޫމާތުތައް ނޫން ކަމަށާއި އެހެން ކަމުން ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ރާއްޖޭގެ ކަންކޮޅުތަކުގައި ހުރި ކޯޓްތައް ރައްކާތެރި ކޮށްދެއްވުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ ބައެއް ރަށުގައި ހިންގާ ހަމަނުޖެހުންތަކުގައި ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތައް ހިންގާ އިމާރާތްތަކަށް ބޮޑެތި ގެއްލުން ދިން އިރު ބައެއް ކޯޓްތަކުގައި އަލިފާން ރޯކޮށް އެއްކޮށް ވަނީ އަންދާލާފަ އެވެ.