19:00


ކ.ހިންމަފުށީގައި ވައްކަން ކުރުން އިތުރުވަމުންދާ ކަމަށް ބުނެ އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެރަށުގެ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.


ހިންމަފުށީ މީހެއް ކަމަށްވާ އަބުދުﷲ އަމީން މިއަދު ބުނީ މިއަދުގެ އަސުރު ނަމާދުން ފައިބައިގެން ރަށުގެ ރައްޔިތުންގެ ތެރެއިން ޕޮލިސް ސްޓޭޝަން ކައިރި އަށް އެއްވި މީހުން ގޮވަމުން ދިޔައީ އެމީހުންނަށް ހިތްހަމަޖެހިގެން އަމާންކަން މަތީ އެމީހުން ގޭގެގައި ދިރިއުޅެވޭނެ ގޮތަށް ރަށުތެރެ އަމާން ކޮށްދިނުމަށް ކަމަށެވެ. އަދި ވައްކަން ކުރާ މީހުން ހިފާހައްޔަރުކޮށް އެކަށީގެންވާ އަދަބު އެމީހުންނަށް ދިނުމަށްވެސް އެއްވެ ތިބި މީހުން ގޮވި ކަމަށް އޭނާ ބުންޏެވެ. އަމީން އިތުރަށް ބުނީ ވައްކަން ކުރަމުންދަނީ އެރަށުގައި މަސްތުވާތަކެތި ބޭނުން ކުރާ ހަތަރު ވަރަކަށް މީހަކު ވެގެން ކަމަށެވެ. އަދި އެމީހުން ވައްކަން ކުރަނިކޮށް ފުލުހުންނާ ހަވާލު ކުރިޔަސް އަނެއް ދުވަހު އެމީހުން ހުންނަނީ ދޫކޮށްލާފައި ކަމަށް ވެސް އަމީން ބުންޏެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެރަށު ގައި ވައްކަންތައް އިތުރު ވަމުން ދިއުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ ތެރެއިން 10 މީހަކު ޕޮލިސް ސްޓޭޝަންގެ އިސްބޭފުޅުންނާ އެކަންތައް ހުއްޓުވުމުގެ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.