ދިއްލީ (އޭޕްރިލް 22): އިންޑިއާގެ ވެރިރަށް ދިއްލީގައި ބަލި މީހުންނަށް ބޭނުންވާ މެޑިކަލް އޮކްސިޖެންގެ ސަޕްލައި މަދުވެފައިވާ މައްސަލައާ ގުޅިގެން މައި ސަރުކާރުން އަމަލު ކުރާ ގޮތަށް ހައި ކޯޓުން ފާޑު ކިޔައިފި އެވެ.

ދިއްލީގެ ހައި ކޯޓުން އެ މައްސަލައާ ގުޅިގެން ވާހަކަ ދައްކާފައި ވަނީ އެ ސިޓީގެ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ހުރީ ގިނަވެގެން 24 ގަޑި އިރަށް ބޭނުން ކުރެވޭ ވަރުގެ އޮކްސިޖެން ސަޕްލައި ކަމަށް އިއްޔެ އެ ހޮސްޕިޓަލްތަކުން ބުނި ފަހުންނެވެ. އަދި ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުގައި ބާކީ ހުރި އޮކްސިޖެން ސަޕްލައި ބޭނުން ކުރެވޭނީ އެންމެ ހަތަރެއް ނުވަތަ ފަސް ގަޑި އިރަށް ކަން އެ ހޮސްޕިޓަލްތަކުން ހާމަ ކުރި ފަހުންނެވެ.

އެ މައްސަލައާ ގުޅިގެން ހަ ޕްރައިވެޓް ހޮސްޕިޓަލެއްގެ ވެރި ފަރާތުން ހައި ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން އެ ކޯޓުން ވަނީ އިންޑިއާގެ ފެކްޓަރީތަކުން ހޮސްޕިޓަލްތަކަށް ރައްކާތެރިކަމާ އެކު އޮކްސިޖެން ފޯރުކޮށްދެވޭނެ ގޮތް ހެދުމަށް ސަރުކާރަށް އަމުރުކޮށްފަ އެވެ.

"އިންޑިއާގެ އޮކްސިޖެން ސަޕްލައިއާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތައް އެނގެން އަޅުގަނޑުމެން ބޭނުން،" ކޯޓުގެ އަމުރުގައިވެ އެވެ.

މީގެ އިތުރުން ހޮސްޕިޓަލްތަކަށް އޮކްސިޖެން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ ކޮންމެ ކަމެއްކޮށް، 'ބެގް، ބޮރޯ، ސްޓީލް' ކުރުމަކީވެސް ސަރުކާރުގެ ޒިންމާއެއް ކަމަށް އެ އަމުރުގައިވެ އެވެ.

އިންޑިއާގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް އޮކްސިޖެން ނުލިބުމުގެ ސަބަބުން ބައެއް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން އެގައުމުގައި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ މަހާރަޝްތުރާގެ ހޮސްޕިޓަލަކުން އޮކްސިޖެން ނުދެވުމުގެ ސަބަބުން އިއްޔެ 24 މީހަކު މަރުވެފައިވެ އެވެ.

އިންޑިއާއިން ވަނީ އިއްޔެ ރެކޯޑު އަދަދަކަށް ކޮވިޑް-19އިގެ ކޭސްތަކާއި މަރުތައް ރިޕޯޓު ކޮށްފަ އެވެ. އެގޮތުން އިއްޔެ އެގައުމުން ވަނީ ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް އެއް ދުވަސް ތެރޭ ކޮވިޑް-19 ޖެހިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ މުއްދަތުގައި ބަލި ޖެހިގެން 2،104 މީހަކު މަރުވެފައިވާ ކަމަށްވެސް ބުނެފަ އެވެ.

އިންޑިއާއިން މިހާތަނަށް 15.6 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 183،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އެގައުމުގައި ކޭސްތައް އިތުރުވަމުންދާ ސަބަބުތަކުގެ ތެރޭގައި ކޮވިޑް-19އިގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މީހުން އަމަލު ނުކުރުމާއި، މި މަހު އުއްތަރަކަންދުގައި ފެށި ހިންދޫ ދީނީ ހަފްލާއަކަށް އެތައް މިލިއަން މީހުން އެއްވުމާއި ކޮރޯނާވައިރަހުގެ ތަފާތު ވޭރިއެންޓުތައް ފެތުރުން ހިމެނެ އެވެ.