ޓެލްއަވީވު (އެޕްރީލް 22) : އިސްރާއީލުގެ ނިއުކްލިޔާ ރިއެކްޓަރު ހުންނަ ސަރަހައްދުގައި ރޭގައި ގޮވާފައި ވަނީ ސޫރިޔާއިން ފޮނުވާލި ރޮކެޓެއް ކަމަށް އިސްރާއީލުން އެއްބަސްވެއްޖެ އެވެ.

އިސްރާއީލު ސިފައިން ނެރުނު ބަޔާނެއް ބުނާ ގޮތުން އެގައުމުގެ ދެކުނުގެ ދައިމޫނާ ސަރަހައްދުގައި ހުންނަ ނިއުކްލިޔާ ރިއެކްޓަރުގެ ކައިރިއަށް ވެއްޓުނީ ސޫރިޔާއަށް ހަމަލާދިނުމަށް މަސައްކަތްކުރި އިސްރާއީލުގެ ފައިޓާ ޖެޓެއް ވައްޓާލުމަށް ސޫރިޔާއިން ފޮނުވާލި އެސްއޭ5 މަރުކާގެ މިސައިލެކެވެ. އެމިސައިލް އިސްރާއީލުގެ އަސްކަރީ ބޯޓަށް ނާރައި ވެއްޓުނީ ދައިމޫނާ ސަރަހައްދުގައި ހުންނަ ނިއުކްލިޔާ ރިއެކްޓަރުގެ ކައިރިއަށް ކަމަށާ އެރޮކެޓް ގޮވުމުގެ ސަބަބުން ނިއުކްލިޔާ ރިއެކްޓަރަށް ގެއްލުމެއް ނުލިބޭކަމަށް އެ ބަޔާން ބުނެ އެވެ.

އިސްރާއީލުން ގެންދަނީ ސޫރިޔާއަށް މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވައިގެ މަގުން އުދުވާނީ ޙަމަލާތައް ދެމުންނެވެ. ސޫރިޔާގައި ތިބޭ އީރާނުގެ ބާރުތަކާ ދެކޮޅަށްކަމަށްބުނެ އިސްރާއީލުން ދޭ މިހަމަލާތަކަކީ ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖަހައި އިސްރާއީލުން ހިންގާ އުދުވާނެއްކަމަށް ސޫރިޔާއިން ސިފަކުރިނަމަވެސް އިސްރާއީލުގެ ޙަމަލާތަކަށް ސޫރިޔާއިން ސީދާ ގޮތެއްގައި ރައްދެއްނުދެއެވެ.

ސޫރިޔާއިން ރައްދު ޙަމަލާދެނީ އެގައުމަށް ހަމަލާދޭ އިސްރާއީލުގެ އަސްކަރީ ބޯޓުތަކަށް އެކަންޏެވެ. ސޫރިޔާއިން އިސްރާއީލަށް ރައްދު ނުދެނީ ސޫރިއާ އަކީ 10 އަހަރުގެ ދިގުލީ ދާޚިލީ ހަނގުރާމައިގެ ޝިކާރައަކަށް ވެފައިވާ އަދި އެގައުމުގެ ބޮޑުބައެއް ހަލާކުވެ ވީރާނާވެފައިވާ ގައުމަކަށްވާތީ އިސްރާއީލާއެކު ހަނގުރާމައަކަށް ދާންބޭނުން ނުވާތީ ކަމަށްވަނީ ބެލެވިފަ އެވެ. ނަމަވެސް އިސްރާއީލުގެ ކޮންމެ ތަނަކަށް ހަމަލާދެވޭވަރުގެ މިސައިލްތައް ސޫރިޔާގައި އެބަހުއްޓެވެ.

ސޫރިޔާ އިން ރޭ އިސްރާއީލަށް ފޮނުވާލި މިސައިލް އޭގެ އަމާޒަށް ފޯރުމުގެ ކުރިން ވައްޓާލުމުގައި އިސްރާއީލުގެ ސިފައިން ނާކާމިޔާބުވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އެކަން އިސްރާއީލު ސިފައިންގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

އިސްރާއީލުގެ އުދުވާނަށް ސޫރިޔާއިން ރައްދު ދިނުމުން އަނެއްކާ މިއަދު ވެސް އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ވަނީ ސޫރިޔާއަށް އުދުވާނީ ހަމަލާތަކެއްދީ އެތަށް ބަޔަކު ޒަޚަމްކޮށްލާފަ އެވެ. ސޫރިޔާ ސިފައިންގެ ބަޔާނެއް ބުނާ ގޮތުން އިސްރާއީލުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ ސަރަހައްދަކަށެވެ. އެ ހަމަލާތަކުގައި އެތަށް ބަޔަކު ޒަޚަމްވިއެވެ. އިސްރާއީލުންވެސްވަނީ ސޫރިޔާއަށް ހަމަލާދިންކަން ކަށަވަރުކޮށް ދީފައެވެ. (އަލްޖަޒީރާ)