22 Apr 2021, 11:05
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަޖޭ ދޭވްގަންގެ އަލަތު ވެބް ސީރީޒް އިއުލާންކޮށް އޭގެ ފަސްޓްލުކް ދައްކާލައިފި އެެވެ.
އަޖޭގެ ދޮށީ ދަރިފުޅު ނެސާ ދޭވްގަންގެ 18 ވަނަ އުފަންދުވަހު އިއުލާންކުރި ވެބް ސީރީޒްގެ ނަމަކީ ރުދުރާ: އެޖް އޮފް ޑާކްނެސް" އެވެ. މި ވެބް ސީރީޒަކީ ވަރުގަދަ ކްރައިމް ތުރިލާއެއް ކަމަށް އަޖޭ ވަނީ ބުނެފަ އެވެ. ޑްރާމާގައި އަންހެން ލީޑު ތަރިން ފެނިގެންދާނީ ގިނަ ވެބް ސީރީޒްތަކުން ޖާގަ ހޯދަމުން އަންނަ ބަތަލާ އިލިއާނާ ޑި ކްރޫޒެވެ.
ރުދުރާީ ޖޭޝް މަޕުސްކަރު ޑައިރެކްޓްކޮށް ގެނެސްދޭ މި ވެބް ސީރީޒް ސްޓްރީމްކުރުމަށް ހަމަޖެހިފައި ވަނީ ހޮޓްސްޓާ މެދުވެރިކޮށެވެ. އެކްޓަރު އަޖޭ ވެބް ސީރީޒެއް އިއުލާންކުރި އިރު އޭނާގެ އަތުގައި މިވަގުތު ވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އަދި ރިލީޒްވާން ތައްޔާރުވެފައި ވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ.
އަޖޭގެ ކުރިއަށް ހުރި ފިލްމުތަކަކީ "އާރްއާރްއާރް"، "މައިދާން"، "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަދި "ގަންގޫބާއީ ކަތިއަވާޅީ" ހިމެނެ އެވެ. އޭނާ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "މޭޑޭ"، "ތޭންކް ގޯޑް" އަދި "ޗަނަކިއާ" ހިމެނެ އެވެ.