21 Apr 2021, 23:16
ކަރެކްޝަންސްގެ ބެލުމުގެ ދަަށުގައިވާ އައްސޭރި ޖަލާއި މަފުށީ ޖަލުންވެސް ކޮވިޑް ކޭސް ފެނި އެ ދެ ޖަލުން ރެންޑަމް ސާމްޕަލް ނަގަން ފަށައިފި އެވެ.
ކަރެކްޝަންސްއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އައްސޭރި ޖަލާއި މާފުށީ ޖަލުން އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޮވިޑާ19އާ ބެހޭ އުސޫލުގެ ދަށުން ކަނޑައެޅިފައިވާ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށް އެ ޓްވީޓްގައި ބުންޏެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލު ދެމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، އައްސޭރި ޖަލު އަދި މާފުށީ ޖަލުން މިހާތަނަށް ޖުމްލަ ދެ އޮފިސަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"އައްްސޭރި ޖަލުން އެއް އޮފިސަރަކު އަދި މާފުށީ ޖަލުން އެއް އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ރޭންޑަމް ސާމްޕަލް ދަނީ ނަގަމުން،" މިޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ދެ ޖަލުގެ ހުރިހާ ގައިދީންނާއި އޮފިސަރުންގެ ސާމްޕަލްވެސް ނަގާނެ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ފުދޭވަރަކަށް ސަމްޕަލް ވަނީ ނެގިފައި. އަދިވެސް ދަނީ ސަމްޕަލްތައް ދަނީ ނަގަމުން. އެންމެންގެ ސާމްޕަލް ނަގާނެ،" އޭނާ ވިދާޅުވި އެވެ.
އެ ދެ ޖަލުން ޕޮޒިޓިވް ކޭސްތައް ފެނުނު އިރު، ފުލުހުންގެ ތަހުގީގަށް ބަންދުކޮށްފައި ތިބޭ މީހުންނަށް ހާއްސަ ދޫނިދޫ ޖަލުންވެސް މިއަދު ވަނީ 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މާފުށީ ޖަލުން އޮފިސަރަކު ޕޮޒިޓިވްވި އިރު، އިއްޔެއިން ފެށިގެން އެރަށް އޮތީ އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށް، މަނޮޓަރިން ހާލަތުގައެވެ. އެޗްޕީއޭއިން މިރޭ ބުނީ މާފުށިން މިއަދު 11 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއަދު ރާއްޖެއިން 253 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.