ދުނިދޫ ޖަލުން 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ރާއްޖެއިން ޖުމްލަ 253 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ސިނާއީ ރަށަކުން 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެކަމާ ގުޅޭ ގޮތުން އެޗްޕީއޭގެ އޮފިޝަލަކު މިރޭ ވިދާޅުވީ، އޭގެތެރެއިން 13 މީހުން ޕޮޒިޓިވްވެފައިވަނީ ދޫނިދުއިން ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ބަންދުކުރާ މީހުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ ދޫނިދޫގައި ކޮވިޑް ފެތުރުމާ ގުޅޭ ގޮތުން އެ މުއައްސަސާގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

ދޫނިދުއިން ކޮވިޑް ކޭސްތައް ފެނިފައިވާއިރު، އެކަމާ ގުޅިގެން ދިފާއީ ވަކީލުން ސަމާލުވުމަށް ގާނޫނީ ވަކީލުންގެ ބެލެނިވެރި ފަރާތް، ބާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ދޫނިދޫއަށް ދަތުރު ކުރައްވާއިރު، އެޗްޕީއޭގެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ގައިޑްލައިންތަކަށް އަމަލު ކުރުމަށް ބާ ކައުންސިލުން ވަނީ އަންގާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ މާލެ ސިޓީން 111 މީހަކާއި ރަށްތަކުން 61 މީހަކު އަދި ރިސޯޓުތަކުން 64 މީހެކެވެ.

ހެން ދުވަސްތަކާ އަޅާބަލާއިރު، މިއަދު ނެގި ސާމަޕްލްތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 253 މީހަކު ޕޮޒިޓިވްވީ 3،200އަަށްވުރެ ގިނަ ސާމްޕަލްއިންނެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދަކީ، 26،920 އެވެ. އޭގެ ތެރެއިން 23،935 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހިފައި ތިބި 2،900އަށްވުރެ ގިނަ މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 83 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 71 އެވެ.