މިއަދު ރާއްޖެއިން ފަހުގެ ތާރީޚެއްގައި ކޮވިޑް ކޭސްތައް މައްޗަށް ނުދާވަރަށް މަތިވެ، 250އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ އިރުއޮއްސި 6:00އިން މިއަދުގެ އިރުއޮއްސި 6:00އަށް ނެގި 3،286ސާމްޕަލްއިން 253 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި އަދަދާ ބަލާއިރު، 91 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 162 މީހުންނެވެ.

އެހެން ދުވަސްތަކާ އަޅާބަލާއިރު، މިއަދު ނެގި ސާމަޕްލްތައްވެސް ވަނީ އިތުރުވެފައެވެ. އިއްޔެ އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ 162 މީހަކު ޕޮޒިޓިވްވީ، 2،784 ސާމްޕަލްއިނެވެެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކުގައިވެސް ގިނައީ މާލެ ސިޓީން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން މާލެ ސިޓީން 111 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 64 މީހަކު ޕޮޒިޓިވްވިއިރު، ރަށްތަކުން 61 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން ސިނާއީ ރަށްތަކުން 17 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދަކީ، 26،920 އެވެ. އޭގެ ތެރެއިން 23،935 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހިފައި ތިބި 2،900އަށްވުރެ ގިނަ މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 83 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 71 އެވެ.