އަލަށް އެކުލަވާލި ފުލުހުންގެ ހިދުމަތުގެ ގާނޫނާއެކު އުފެއްދި ފޮލިސް ބޯޑުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ދިން މެމްބަރުންނާއެކު ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވީ މިމަހު ނުވަނަ ދުވަހު އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ރައީސްކަމަށް މއ. މަނާގެ، އަލީ ފާއިޒު، އަދި އެ ބޯޑުގެ ނާއިބް ރައީސް ކަމަށް މ. ހަޒާރީވިލާ، އަޙްމަދު ފަޔާޒު ހަސަން މިއަދު އިންތިހާބުކޮށްފައިވާ ކަމަށެވެ.

ބޯޑު ރައީސަކަށް އިންތިހާބުވި، އަލީ ފާއިޒްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2012 ވަނަ އަހަރު ޖެނުއަރީ މަހު ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް އައްޔަން ކުރެވުނު ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ހުންނެވީ، އެ ސަރުކާރުގައިގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

ނައިބު ރައީސް ކަމަށް އިންތިހާބުވި، ފަޔާޒު އަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމާއި އެ ކޮމިޝަންގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

އެ ދެ މަގާމަށް ދެ ބޭފުޅުން އިންތިހާބުވުމާ ގުޅިގެން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވަނީ ދެ ބޭފުޅުނަަށް މަރުހަބާ ދަންނަވާފައެވެ. އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ ފައިދާ ހުރި މަގަމަށް ބައްޓަން ކުރުމަށް ޕޮލިސް ބޯޑުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.

"މިއަދު އިންތިހާބުވި ރިޔާސަތާއެކު އެ މަގަަށް މިސްރާބު ހިފާނެ ކަމަށް ޔަގީން ކުރަން،" އިމްރާންގެ ޓްވީޓްގައި ވިދާޅުވި އެވެ.

ފާއިޒު އާއި ފަޔާޒުގެ އިތުރުން ޕޮލިސް ބޯޑުގައި ދެން ތިއްބަވަނީ އާއިޝަތު ނޫރާ މުހައްމަދު، ހ.ނޫމުތީ އާއި އަހްމަދު ނާޝިދު، މއ. ގޯލްޑަންމޫން އާދަމް އިބްރާހީމް، ގ.ޑިމްލައިޓް އާއި ހާމިދު އަބްދުލްޣަފޫރު، ހ. ޝޭޑީކޯނާ އަދި ސަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ އެވެ.

ގާނޫނު ބުނާ ގޮތުން ފުލުސް ބޯޑު ހިމަނަން ޖެހޭ ހަތް މެމްބަރުންނަކީ، ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންނެވެ.

އާންމުގެ ތެރެއިން ކުރިމަތިލާ ދެ މެމްބަރުންނަށް ރުހުން ދެނީ މަޖިލީހުންވެ. މަޖިލީހުން ރުހުން ދިން ދެބޭފުޅުންނަކީ، ހާޟދި އަދި ސަފާ އެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.